ރާއްޖޭން މިފަހަރު ޢުމްރާއަށް ދިޔަ ގްރޫޕެއް
ރާއްޖޭން މިފަހަރު ޢުމްރާއަށް ދިޔަ ގްރޫޕެއް
މަޝްޢަރު ޓުއާސްގެ ހަވާލުގައި އުމްރާއަށް ދިޔަ އެންމެން ރާއްޖެ އަތުވެއްޖެއެވެ.

މަޝްޢަރު ޓުއާސްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން އުމްރާގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ ނާދެވި މައްކާގައި ތާށިވީ މައްސަލައެއް މީޑިއާއަށް ތިލަވެފައިވެއެވެ. އެގޮތުން އެގްރޫޕުން އެންމެ ފަހުވަގުތު ޢުމްރާވެރިންނަށް އަންގާފައިވަނީ ޗެކްތަކެއް ބައުންސްވެގެން ޓިކެޓް ކެންސަލްވެފައިވާ ކަމަށެވެ.

އޭގެ އިތުރުން އުމްރާއަށް ދިޔަ 50 މީހުން، އަމިއްލައަށް ޓިކެޓް ނަގައިގެން ރާއްޖެ ދިޔުމަށް އެގްރޫޕުން އޭރު ވަނީ އަންގާފައެވެ.

ނަމަވެސް މަޝްޢަރު ގްރޫޕުން މިއަދު ބުނީ މިދިޔަ ހަފުތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ތިން ދުވަހުގެ މަތީން ޢުމްރާއަށް ގޮސް ތާށިވެފައި ތިބި ހުރިހާ ޢުމްރާވެރިން ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި އެމީހުން ރާއްޖެ ގެނައީ އެ ގްރޫޕްގެ ޚަރަދުގައި ކަމަށްވެސް އެގްރޫޕުން މަޢުލޫމާތު ދީފައިވެއެވެ.

އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނެތި މީސްމީހުންގެ އަތުން ފައިސާ ނަގަމުންދާތީ، މަޝްއަރު ގުރޫޕާއި އިތުރު ޖަމާއަތަކާ މެދު ސަމާލުވުމަށް މިދިޔަ ޖެނުއަރީ މަހު އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

މަޝްޢަރު ޓުއާސްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުންނަށް ރާއްޖެ ނާދެވި މިއަހަރު މައްކާގައި ތާށިވެފައިވާއިރު އުމްރާއަށް މީހުން ގެންދިއުމާ ގުޅޭގޮތުން ރާއްޖޭގައި އަމަލު ކުރާ ރަސްމީ އުސޫލާ ޚިލާފަށް މީހުން އަތުން ލާރި ނަގައިގެން އެއަށް ބައެއް ޖަމާއަތްތަކުން އިހުމާލު ވަމުންދާ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން މިއަދު ޕޮލިހަށް ހުށަަހަޅުއްވާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭން މިފަހަރު ޢުމްރާއަށް މީހުން ގެންދިޔަ މަޝްޢަރު ޖަމާޢަތުން ޢުމްރާވެރިންގެ ޓިކެޓްތަކަށް ފައިސާ ނުދައްކައިގެން އެ ޢުމްރާވެރިން މައްކާގައި ތާށިވީ މައްސަލާގައި އެގްރޫޕް ގޮވައިގެން ކޯޓަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ޓިކެޓް ވިއްކި ޓްރެވަލް އެޖެންސީން މިހާރުވަނީ ދީފައެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހުއްދަ މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީން ބާތިލުކުރި ނަމަވެސް މިއަހަރު އެޖަމާއަތުން މީހުން އުމްރާއަށް ގެންގޮސްފައިވަނީ އެ ގްރޫޕްގެ ނަން ޓްރެވެލް އެޖެންސީއެއްގެ ނަމަށް ބަދަލުކުރުމަށް ފަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން