ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމްގެ ދަށުން 4 މާލީ އިދާރާއަކާއެކު އެއްބަސްވުމެއްގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމްގެ ދަށުން 4 މާލީ އިދާރާއަކާއެކު އެއްބަސްވުމެއްގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ދިވެހި ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ތަޢާރަފްކުރި "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް"ގެ ދަށުން ކުރިއަށްގެންދާ އިކުއިޓީ އެހީތެރިކަން ފޯރުކޮށްދޭ 'ހެލްޕް ޓު ބިލްޑް' އަދި 'ހެލްޕް ޓު ބައި' ސްކީމްތައް ތަންފީޒް ކުރުމަށްޓަކައި، މާލީ ހަތަރު އިދާރާއަކާއެކު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ މާލީ އިދާރާތަކަކީ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ (އެމް.އެފް.އެލް.ސީ) އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ބޭންކުތަކާއި މާލީ އިދާރާތަކުގެ ފަރާތުން ސޮއިކުރެއްވީ ބީ.އެމް.އެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ މުޙައްމަދު ޝަރީފް، އެމް.އައި.ބީގެ މެނޭޖިންގ ޑިރެކްޓަރ މުފައްދަލް އިދްރީސް ޚުމްރީ، އެޗް.ޑީ.އެފް.ސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒީނާދު، އަދި އެމް.އެފް.އެލް.ސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްތިޝާމާ އަޙްމަދު ސަޢީދެވެ.

ވޯލްޑް ބޭންކް ގްރޫޕްގެ ފަންނީ އެހީތެރިކަމާއެކު ދާދިފަހުން ނިންމި މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރީކޮންސްޓްރަކްޝަން ޕްރޮޖެކްޓް (އެމް.ޔޫ.ޑީ.އާރް.ޕީ) ގެ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި، ދިވެހި ގިނަ ޢާއިލާތަކަށް ގެދޮރު އެޅުމަށާއި ގަތުމަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ބޭންކުތަކުން ކަނޑައަޅާ އިކުއިޓީ ޕޭމަންޓް ދެއްކުމުގައި ދިމާވާ ދަތިތަކެވެ. ސަރުކާރުގެ މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ މި ހުރަސް ނައްތާލައި، ގޯއްޗެއް އޮވެމެ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވިފައި ތިބި ފަރާތްތަކަށާއި، އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް މާލީ ލުއިފަސޭހަކަން ހޯދައިދިނުމެވެ.

މި ޕްރޮގްރާމް އެކުލެވިގެންވަނީ މައިގަނޑު ދެ ބައެއްގެ މައްޗަށެވެ:

1. ހެލްޕް ޓު ބިލްޑް:

މި ބައި ޚާއްޞަކޮށްފައިވަނީ ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ބިންވެރިންނަށް ގެދޮރު އިމާރާތްކުރުމަށް ބޭންކް ލޯނެއް ހޯދުމަށް މަގުފަހިކޮށްދިނުމަށެވެ. މާލެ އަދި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށް އަމާޒުކޮށްގެން ހިންގާ މި ބައިގައި ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު ނުހިމެނެއެވެ. މި ސްކީމުގެ ދަށުން 1،000،000 (އެއް މިލިއަން) ރުފިޔާގެ ލޯނެއްގެ އިކުއިޓީ ޕޭމަންޓަށް -/200،000 (ދެލައްކަ) ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ އެހީ ދޭނެއެވެ. އަދި މާލޭގެ ބިންތަކަށް ޚާއްޞަކޮށް، ޢާއިލީ ބިމެއްގައި އެއް ފަރާތަށްވުރެ ގިނަ މިލްކުވެރިން ގުޅިގެން އިމާރާތްކުރާނަމަ، ބޮލަކަށް -/200،000 ރުފިޔާގެ މަގުން ޖުމްލަ 1،000،000 ރުފިޔާއާ ހަމައަށް އިކުއިޓީ ފައިސާ ހަމަޖައްސައިދެވޭނެއެވެ. ލޯނުގެ އަދަދު 1 މިލިއަނަށް ވުރެ މަތިވި ނަމަވެސް، އެހީގެ އެންމެ މަތީ އަދަދަކީ ބޮލަކަށް -/200،000 ރުފިޔާއެވެ. މިއީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ނަމަވެސް، 20 އަހަރު ދުވަހުގެ ތެރޭގައި އިމާރާތް ވިއްކާލައިފިނަމަ އެ ފައިސާ ދައުލަތަށް އަނބުރާ ދައްކަންޖެހޭނެއެވެ.

2. ހެލްޕް ޓު ބައި:

މި ބައިގެ ދަށުން، ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީ.ޕީ.ޕީ) އުސޫލުން ޑިވެލޮޕަރުން އަޅާފައިވާ 1.5 މިލިއަން ރުފިޔާގެ އަގުހުރި އެފޯޑަބަލް ހައުސިންގ ޔުނިޓެއް ގަތުމަށް -/250،000 ރުފިޔާއާ ހަމައަށް އެހީ ދެވޭނެއެވެ. މިއީ 2024 ވަނަ އަހަރުގެ 'ހިޔާވަހި' ސްކީމާ ވަކިން ކުރިއަށްގެންދާ ބައެކެވެ. މީގެއިތުރުން ރިއަލް އެސްޓޭޓް އުސޫލުން މާކެޓް އަގުގައި ވިއްކާ ޔުނިޓެއް އަލަށް ގަންނަ ފަރާތްތަކަށް ވެސް -/250،000 ރުފިޔާއާ ހަމައަށް އެހީ ލިބޭނެއެވެ. މި އެހީގެ ފައިސާ މާލީ އިދާރާ މެދުވެރިކޮށް ސީދާ ޑިވެލޮޕަރަށް ދައްކާއިރު، ގަންނަ ފަރާތުން ދައްކަންޖެހޭ ޖުމްލަ އަގުން އެ މިންވަރު އުނިކުރެވިގެންދާނެއެވެ.

މި ޕްރޮގްރާމުގެ މައިގަނޑު ޝަރުޠުތަކުގެ ތެރޭގައި، އެދޭ ފަރާތުގެ ނަންމަތީގައި އިމާރާތްކޮށްފައިވާ އެހެން އެއްވެސް ބިމެއް ނުވަތަ ގޯއްޗެއް ނެތް މީހަކަށް ވާންޖެހެއެވެ. އަދި އިމާރާތްކުރާ ބިމަކީ އެދޭ ފަރާތުގެ އަމިއްލަ މިލްކަކަށް ވާންޖެހޭނެއެވެ. މި ލޯނު މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ދިރިއުޅޭނެ ގެއެއް އެޅުމަށް ކަމަށް ވިޔަސް، އިމާރާތުގެ ވަކި ބައެއް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ފުރުޞަތު މި ސްކީމުގެ ދަށުން ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު