އީގަލް ހިލްސްގެ ބާނީ (މ)
އީގަލް ހިލްސްގެ ބާނީ (މ)
ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ހިންގުމަށް ހަމަޖެހިފައިވާ ބިޔަ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން، ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ދައުލަތަށް ގާތްގަނޑަކަށް 3.1 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މި މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ފޮނުއްވި ސިޓީއަކަށް ޖަވާބުދެއްވައި އެ މިނިސްޓްރީން ފޮނުއްވި ރަސްމީ ސިޓީގައެވެ.

ހައުސިންގ މިނިސްޓްރީން ފާހަގަކުރި ގޮތުގައި މި މަޝްރޫއުން ދައުލަތަށް ބޮޑެތި މާލީ މަންފާތަކެއް ލިބިގެންދާނެއެވެ. އެގޮތުން، ޑިވެލޮޕަރުގެ ޖުމްލަ އާމްދަނީގެ 10 އިންސައްތަ ބިމުގެ ޕްރީމިއަމްގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށާއި، އެއީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 3.1 ބިލިއަން އެމެރިކާ ޑޮލަރު ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، އެޑްވާންސް ފައިސާގެ ގޮތުގައި ލިބޭ 500 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ހިންގާ 500 މިލިއަން ޑޮލަރުގެ ހައުސިންގ މަޝްރޫއަށް ދިވެހި ސަރުކާރުން އެއްވެސް މާލީ އިލްތިޒާމެއް އުފުލަން ނުޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.

އޭގެ އިތުރުން، މި މަޝްރޫއުގެ ތެރެއިން ވިއްކާ ކޮންމެ ޔުނިޓެއްގެ މާކެޓް އަގުން 4 އިންސައްތަ ސަރުކާރަށް ފީގެ ގޮތުގައި ލިބިގެންދާނެ ކަމަށް ވެސް ސިޓީގައި ވެއެވެ. އަދި މި ސަރަހައްދުގައި ހިނގާ އެކި އިގްތިސާދީ ހަރަކާތްތަކުން ލިބޭ ޓެކުހުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ މަޝްރޫއުތަކާ ހިލާފަށް މި މަޝްރޫއަށް އެއްވެސް އިމްޕޯޓް ޑިއުޓީއެއް މައާފުކޮށްދީފައި ނުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި މަޝްރޫއުން ލިބޭ މާލީ ފައިދާ ސާފުކޮށްދިނުމުގެ ގޮތުން މިނިސްޓްރީން ވަނީ، 2022 ވަނަ އަހަރު އެކުލަވާލި ކްރޮސް-ސަބްސިޑީ ފޯމިއުލާއާ މި މަޝްރޫއު އަޅާކިޔާފައެވެ. އެ ފޯމިއުލާއަށް ބަލާއިރު، މާލެ އަތޮޅުން 500 ހެކްޓަރުގެ ފަޅެއް 99 އަހަރަށް ދީގެން އެޑްވާންސްކޮށް ލިބޭނީ އެންމެ 85.75 މިލިއަން ޑޮލަރެވެ. އަދި އެއީ ހިއްކާފައިވާ ބިމެއް ނަމަ އެޑްވާންސްކޮށް ލިބޭނީ 316 މިލިއަން ޑޮލަރެވެ.

މީގެއިތުރުން އެ އުސޫލުން ކުލީގެ ގޮތުގައި އަހަރަކަށް ލިބޭނީ 2 މިލިއަން ޑޮލަރު (99 އަހަރަށް ޖުމްލަ 198 މިލިއަން ޑޮލަރު) ކަމަށްވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއުން ދައުލަތަށް ލިބިގެންދާ މާލީ މަންފާ އެތައް ގުނައަކަށް ބޮޑުވެގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ދިވެހި ސަރުކާރުން އަބޫދާބީގެ އީގަލް ހިލްސްއާއެކު ފާއިތުވި ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ރަސްމާލެއިން ހިއްކާ 1010 ހެކްޓަރު ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބޮޑު ސަރަޙައްދެއްގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ ތަރައްޤީކޮށް ހިންގާނީ އެ ކުންފުނިންނެވެ. މި މަޝްރޫޢުގައި ހިއްކާ ބިމުގެ ބާކީ 600 ހެކްޓަރު ޚާއްޞަކޮށްފައިވަނީ ދިވެހި ރައްޔިތުންގެ އިޖުތިމާޢީ ބޯހިޔާވަހިކަމަށާއި، އާންމުންނަށް ދޫކުރާ ބިމުގެ ޕްލޮޓްތަކުގެ އިތުރުން މުނިސިޕަލް ޚިދުމަތްތައް ޤާއިމުކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު