ދުބާއިގެ ކުންފުނިން ރަސްމާލެ ތަރައްގީ ކުރާގޮތުގެ ކުރެހުމެއް
ދުބާއިގެ ކުންފުނިން ރަސްމާލެ ތަރައްގީ ކުރާގޮތުގެ ކުރެހުމެއް
ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގައި، ރަސްމާލެ ފަދަ ރިއަލް އެސްޓޭޓް ތަންތަނަށް ބަނގުރަލާއި އޫރުމަސް އެތެރެކުރުމާއި ވިއްކުން މަނާކުރާ މާއްދާއެއް ހިމަނައިފިއެވެ.

މިއީ ރާއްޖޭގައި ރިއަލް އެސްޓޭޓް ތަރައްގީކުރުމުގެ ދާއިރާ ރެގިއުލޭޓް ކުރުމަށްޓަކައި އެކުލަވާލެވޭ ފުރަތަމަ ގާނޫނެވެ.

މި ބިލުގެ 77 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން، ކަނޑައަޅާ ހާއްސަ ޒޯންތަކުގައި ތަރައްގީކުރާ ތަންތަނަށާއި އެތަންތަނުގައި ދިރިއުޅޭ ނުވަތަ ވިޔަފާރިކުރާ ފަރާތްތަކަށް ބަނގުރަލާއި، އޫރުމަސް އަދި އެއިން އުފައްދާފައިވާ އެއްވެސް އެއްޗެއް އިމްޕޯޓްކުރުމާއި ވިއްކުން ނުވަތަ ބޭނުންކުރުމުގެ ހުއްދައެއް ނުލިބޭނެއެވެ.

މީގެ އިތުރުން، ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ތަރައްގީކުރާ މެރީނާއާއި ވޯޓާ ފްރަންޓް މަޝްރޫއު ނިމުނު ކަމުގައި ވީނަމަވެސް، އެތަނުގައި ރަލާއި އޫރުމަސް ނުވިއްކާނެ ކަމަށާއި ކެސީނޯ ހިންގުން ފަދަ ކަމެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިން ވެސް ވިދާޅުވެފައެވެ.

އާ ބިލުގެ ދަށުން ރިއަލް އެސްޓޭޓް ވިޔަފާރި ބެލެހެއްޓުމަށް ހާއްސަ އިދާރާއެއް އުފައްދައި، ޑިވެލޮޕަރުންނާއި ބްރޯކަރުންނަށް ލައިސަންސް ދޫކުރުމުގެ ނިޒާމެއް ގާއިމުކުރެވިގެންދާނެއެވެ.

އަދި އިމާރާތްކޮށް ނުނިމެނީސް ޔުނިޓުތައް ގަންނަ ފަރާތްތަކުގެ ފައިސާއަށް ގާނޫނީ ރައްކާތެރިކަން ލިބޭނެ ގޮތް ހަމަޖެހިގެންދާނެއެވެ. ބިލުގައިވާ ގޮތުން އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތައް މާސްޓަރ ޑިވެލޮޕަރަށް ގިނަވެގެން ކުއްޔަށް ދެވޭނީ 99 އަހަރަށެވެ.

މި ބިލުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މި ޒޯންތަކުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޓެކްސް ނަގާނީ ޓޫރިޒަމް ދާއިރާގެ ރޭޓުގައެވެ. ނަމަވެސް، އެފަދަ ތަނަކުން ޕްރޮޕަޓީއެއް ގަތުމަކުން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގެ ރައްޔިތަކަށްވުމުގެ އެއްވެސް ހައްގެއް ނުލިބޭނެއެވެ.

މީގެ އިތުރުން، އިޒްރޭލުގެ ރައްޔިތުންނަށް ނުވަތަ އިޒްރޭލުގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކަށް މި ޒޯންތަކުން ލީސްހޯލްޑް ރައިޓްސް ވިއްކުމާއި ބިން ސަބްލީސްކުރުން ވަނީ މަނާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް