ޙައްޖަށް ދިއުމަށް މިހާރު ނަން ނޯޓުކޮށްފިނަމަ ޙައްޖަށް ދެވޭނީ 2033 ވަނަ އަހަރު ކަމަށް ޙައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ޙައްޖު ކޯޕަރޭޝަނުން މިއަދު ބުނީ އެ ކުންފުނީގެ ޙައްޖު ކިއޫގައި މިހާރުވެސް ހަތްހާހަށްވުރެ ގިނަ މީހުން އެބަތިބި ކަމަށާއި މިހާރު ފައިސާ ދައްކައިގެން ޙައްޖަށް ދެވޭނީ 2033 ވަނަ އަހަރު ކަމަށެވެ. ރާއްޖެއަށް މިއަހަރު ޙައްޖު ކޯޓާގެ ގޮތުގައި ލިބުނީ 1500 ޖާގައެވެ.

ރާއްޖޭން ޙައްޖަށް ދިއުމަށް ގިނަބަޔަކު ކިއުގައި ޖެހިފައިވާއިރު ހައްޖަށް ނުދެވި ކިއުގައި ތިބި މީހުންގެ އަދަދު އިތުރުވީ ކޮވިޑާ ގުޅިގެން ދެ އަހަރު ވަންދެން މީހުން ހައްޖަށް ނުގެންދެވުމުން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދާ މީހުން މިހާރު ފުރާފައިވާއިރު، އޭގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި ހައްޖަށް ދިޔަ 50 މީހުން ހިމެނެއެވެ.

ޙައްޖު ކޯޕަރޭޝަންގެ އަމާޒަކީ 3 އަހަރުތެރޭ ޙައްޖުގެ އަގު ބައިލައްކަ އަށް ތިރިކުރުން ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވަނީ ވިދާޅުވެފައެވެ.

ޙައްޖު ކޯޕަރޭޝަނަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުގެ އިސްނެންގެވުމާއިއެކު އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނި އުފެދުނު ފަހުން ޙައްޖާއި އުމްރާ ދަތުރުތަކަށް ބޮޑެތި ލުއިތަކެއް ވަނީ ލިބިފައެވެ.

ރާއްޖެއަށް މިއަހަރު ލިބުނު ހުރިހާ ޙައްޖު ކޯޓާއެއް ދީފައިވަނީ ޙައްޖު ކޯޕަރޭޝަނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން