ހަނިމާދޫ އެއާޕޯޓުގައި ތަރައްޤީކުރަނީ 1.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތްދެވޭނެ ޓަރމިނަލެއް ކަމަށް ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އެއަރޕޯޓުގެ އައު ރަންވޭގެ 1200 މީޓަރު ނިންމާ ބޭނުންކުރަން ފެށީ މިއަހަރުގެ ޖެނުއަރީ މަހު 28 ވަނަ ދުވަހުއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން މުބީން ވިދާޅުވީ އަންނަ އަހަރުގެ މާރޗު މަހާއި ހިސާބަށް ރަސްމީކޮށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ރީޑިވެލޮޕްމަންޓް މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމި ބޭނުންކުރަން ފެށޭނެ ކަމަށެވެ.

ހަނިމާދޫ އެއަރޕޯޓްގެ ރަންވޭގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު ޢީދު ބަންދަށްފަހު 24 ގަޑިއިރަށް މުޅި ރަންވޭ ބޭނުންކުރަން ހުޅުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މުބީން ވިދާޅުވިއެވެ. އަދި އެއާޕޯޓުގައި 1.5 މިލިއަން ފަތުރުވެރިންނަށް ކޭޓަރ ކުރެވޭނެ ވަރުގެ ޕެސެންޖަރ ޓަރމިނަލްއެއް ތަރައްޤީކުރަމުން އަންނަކަމަށް ވެސް މުބީން ވަނީ ވިދާޅުވެފައެވެ.

މުބީން އިތުރަށް ވިދާޅުވީ، އުތުރުގެ ރިސޯޓުތަކަށް ދާން ބުކިންގ ހަދާ ފަތުރުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ނުގެނެސް ސީދާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

ހަނިމާދޫ އެއަރޕޯޓްގެ ދެވަނަ ފިޔަވަހީގެ ދަށުން ސީ ޕްލޭން ޓަރމިނަލް ތަރައްޤީ ކުރުމާއެކު ހަނިމާދޫން ސީދާ ސީޕްލޭންގައި ރިސޯޓުތަކަށް ފަސޭހައިން ދެވޭނެ މަގުވެސް ފަތުރުވެރިންނަށް ފަހިވެގެންދާނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

ހަނިމާދޫ އެއަރޕޯރޓް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން 2465 މީޓަރުގެ ރަންވޭއެއް ތަރައްޤީ ކޮށްފައިވާއިރު މިއީ އެންމެ ބޮޑެތި މަތިންދާ ބޯޓު ޖެއްސޭނެ ފެންވަރަށް ތަރައްގީކުރާ އެއަރޕޯޓެކެވެ.

މި މަޝްރޫޢުއަށް އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކޮށްފައި ވެއެވެ.

މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް އޭ 320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެކަމަށް ސަރުކާރުން ބުނެއެވެ. އަދި މިއީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ، ޒަމާނީ ރީތި ފަސިންޖަރ ޓަރމިނަލެއް ހިމެނޭ ޕްރޮޖެކްޓެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.މިއީ ރައީސް ސާލިޙުގެ ސަރުކާރުން ފައްޓަވައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން