ސްރީލަންކާގެ އިގުތިސާދަށް ވީގޮތަށް ރާއްޖެއަށް ވިޔަނުދީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވުމަށް ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ގޮވާލައްވައިފި އެވެ.

މާޒް ސަލީމް އެކްސްގައި ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ ބޮޑެތި ވައުދުތަކާ އެކު ކަމަށެވެ.

އެގޮތުން ވެރިކަމަށް އައުމަށް ބެރުޖެހިއިރު ވައުދުވަމުން ދިޔައީ އެއްވެސް ޓެކުހެއް އިތުރު ނުކުރުމަށް ކަމަށާއި އަދި މަސްވެރިން އަތުން ގަންނަމަހަށް 48 ގަޑިއިރުތެރޭ ފައިސާ ދޭނެކަމަށް ކަމުގައި މާޒް ސަލީމް ވިދާޅުވިއެވެ.

އޭގެ އިތުރުން ސިޔާސީ މަގާމްތައް އިތުރު ނުކުރުމަށާއި ބޭންކް ކާޑްލިމިޓް އުވާލުމާއި 40 އަހަރުފަހުން މާލޭ ރައްޔިތުންނަށް ލިބުނުގޯތި އަތުނުލުމާއި ތިޖޫރިން ވައްކަން ނުކުރާނެ ކަމަށް ރައީސް ވައުދުވެވަޑައިގަތް ކަމަށް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވައި ނާކާމިޔާބާ ކުރިމަތިވި މާޒް ސަލީމް ވިދާޅުވި އެވެ.

ހަމަ އެހެންމެ އިންޑިއާ ސިފައިން އުޅަނދުތަކާއެކު ފޮނުވާލުމާއެކު ފައިސާ ޗާޕު ކުރުން ހުއްޓާލުމަކީ ވެސް ރައީސް ވައުދުވެވަޑައިގެންނެވި ކަންކަންކަން މާޒް ސަލީމް ފާހަގަ ކުރެއްވި އެވެ.

"މިހުރިހާ ކަންކަމަކީ ރައްޔިތުންގެ ކުރިމަތީގައި ވީވަޢުދު. މިއީ ރައްޔިތުންބުނެ އާދޭސް ދަންނަވައިގެން ވީ ވައުދު ތަކެއްނޫން. ވެރިކަން ލިބުނުތާ 7 މަސް ފަސް. ބޭންކުން ދޫކޮށްފައިވާ ކުރެޑިޓް ކާޑްތަކުގެ ލިމިޓް 50 ޑޮލަރާ ހަމަޔަށް ތިރިކޮށްފި. ޖީއެސްޓީ، ޓީޖީއެސްޓީ އިމްޕޯރޓު ޑިއުޓީ އަދި ގްރީން ޓެކްސް ބޮޑުކުރަން ނިންމައިފި. ހައްދެއްނެތި ފައިސާ ޗާޕުކުރަން ނިންމައިފި. މަސްވެރިން އަތުން ގަންނަމަހަަށް ފައިސާދެނީ މުޒާހަރާކޮށް އެމީހުންނުކުމެ ތަޅާފޮޅަން ފެށީމަ." އޭނާ ވިދާޅުވި އެވެ.

މާޒް ސަލީމް ވިދާޅުވީ ގައުމެއްގެ ވެރިކަން ކުރުމުގެ އެއްވެސް ގާބިލު ކަމެއްނެތި އަދި އަމިއްލަ އެދުމަށް ވެެރިކަންކުރާ ވެރިޔަކު، ވެރިކަމާއި މަތިވުމުން ވާނީ މިހެން ކަމަށެވެ. އެހެންވެ ރައީސް މުއިއްޒު މި ގައުމުގެ ވެރިކަމުގައި ނެތިއްޔާ ރައްޔިތުންނަށާއި ޤައުމަށް މާރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން ބިކަނުކޮށް ޤައުމު ފަނާކޮށްނުލާ، އަވަށްޓެރި ލަންކާއަށް ވީހެން ވިޔަނުދީ އަވަހަށް އިސްތިޢުފާ ދެއްވާފަ ވަޑައިގަންނަވާ. މުޢިއްޒަށްވުރެ މި ގައުމު މާބޮޑު." މާޒް ސަލީމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން