ފާއިތުވި ފަސް އަހަރު ސަރުކާރުން ހިލޭ ޑިގްރާއަށް 695 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.

ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަށާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ.

ސަރުކާރުން ހިލޭ ޑިގްރީއަށް ހަރަދުކޮށްފައިވާ މިންވަރު ހާމަވެފައި ވަނީ އަމިއްލަ ފަރާތަކުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީގައި އެދިގެން ދިން ތަފާސްހިސާބުތަކުންނެވެ. މި މައުލޫމާތު ހޯދަން އެދިފައި ވަނީ އަފްރާހު އިސްމާއިލް ނަމަކަށް ކިޔާ އާންމު ރައްޔިތެކެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުގައިވާ ގޮތުން 2019 ވަނަ އަހަރުން ފެށިގެން މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ޑިގްރީ ސްކީމަށް ސަރުކާރުން ވަނީ 695 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެއީ 20،337 ދަރިވަރުންނަށް ހަރަދުކުރި ވަރެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހިލޭ ޑިގްރީގެ ދަށުން ކިޔެވުމަށް ރާއްޖޭގެ ދެ ޔުނިވާސިޓީ އަކަށާއި ނުވަ ކޮލެޖަކަށް ސަރުކާރުން ވަނީ ފައިސާ ދޫކޮށްފަ އެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައި ވަނީ ވިލާ ކޮލެޖަށެވެ. އެއީ 4،522 ދަރިވަރުންނަށް 172.8 މިލިއަން ރުފިޔާ އެވެ. ދެ ވަނަ އަށް އެންމެ ގިނަ ފައިސާ ދޫކުރީ ގައުމީ ޔުނިވާސިޓީ އަށެވެ. އެ ޔުނިވާސިޓީން ކިޔެވި 4،504 ދަރިވަރަކަށް 138.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައި ވަނީ އެމްއައި ކޮލެޖަށެވެ. އެއީ 2،842 ދަރިވަރުންނަށް 106.2 މިލިއަން ރުފިޔާ އެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ސަރުކާރުގެ ފައިސާ ދޫކުރާނީ ފުރަތަމަ ފަހަރަށް ޑިގްރީ ކިޔަވާ ދަރިވަރުންނަށް އެކަންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން