ކ. މާފުށީ ޖަލުގައި ތިބި ގައިދީން ހިންގި ބޮޑު ދެ ސްކޭމެއްގައި ޖަލު އޮފިސަރުންނަށްވެސް ފައިސާ ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިފަދައިން މައުލޫމާތު ދީފައި މިވަނީ، މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

އެގޮތުން އިންސްޕެކްޓަރ އޮފް ޕޮލިސް ޝާމް މުހައްމަދު ވިދާޅުވީ، ޖަލުން ހިންގި ބޮޑު ދެ ސްކޭމްގައި އޮފިސަރުންގެ އެކައުންޓަށް ފައިސާ ގޮސްފައިވާ ކަމަށެވެ.

ޖަލަށް ފޯނާއި އެހެނިހެން ތަކެތި ވައްދައިދޭ މައްސަލަ ތަހުގީގު ކުރަމުން ދާތީ، މައްސަލައިގެ އިތުރު ތަފްސީލަށް ނުގޮސް ޝާމް ވިދާޅުވީ، ބޮޑު ދެ ސްކޭމްގެ ފައިސާ އޮފިސަރުންނަށް ލިބިފައިވާ ކަމަށް ތަހުގީގުން އެނގޭ ކަމަށެވެ.

ޖަލުން ހިންގި އެންމެ ބޮޑު ދެ ސްކޭމްގެ ތެރެއިން އެއް ސްކޭމުން ފަސް ލައްކަ ރުފިޔާ އަދި ދެވަނަ ސްކޭމުން 1.9 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.

ޖަލުގައި ބަންދު ކޮށްފައިވާ ކުށްވެރިންނަށް ފޯނާއި މަސްތުވާތަކެއްޗާއި އެހެނިހެން ސާމާނު ވަގަށް ފޯރުކޮށްދެމުން ދިޔަކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަރަކްޝަންސްގެ 13 އޮފިސަރުން ހައްޔަރުކޮށް، މިދިޔަ މަހު ވަނީ ބަންދު މުއްދަތު ޖަހާފައެވެ.

އެ މައްސަލައިގައި 18 ކަރެކްޝަންސް އޮފިސަރުން ހިމެނޭއިރު އެ އޮފިސަރުންގެ އެކައުންޓަށް މިދިޔަ އަހަރު އެކަނި ވެސް 73.3 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. އެގޮތުން އެއް އޮފިސަރެއްގެ އެކައުންޓަށް އަހަރެއް ތެރޭގައި 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ.

އެ ފައިސާ އޮފިސަރުންގެ އެކައުންޓަށް ޖަމާކޮށްފައި ހުރީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނާއި ޖަލުގައި ހުކުމް ތަންފީޒުކޮށްފައިވާ މީހުންނާއި، ކުށުގެ ވެށީގައި އުޅޭ މީހުން ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުންބުނީ އެ މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން