އާރުޑީސީގެ މުވައްޒިފުންތަކެއް މަސައްކަތުގައި. (ފޮޓޯ: އާރުޑީސީ)
އާރުޑީސީގެ މުވައްޒިފުންތަކެއް މަސައްކަތުގައި. (ފޮޓޯ: އާރުޑީސީ)
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މިހާރު އެންމެ އިސްކަމެއް ދީގެން ކުރައްވަމުން ގެންދަވާ އެއް ކަމަކީ ސަރުކާރުގެ ކުންފުނިތަކާއި ވަސީލަތްތަކުން އަދި ދައުލަތުގެ އިދާރާތަކުން ކުރަމުންދާ ބޭކާރު ހަރަދުތައް ކުޑަކުރުމުގެ މަސައްކަތޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ރައީސްގެ އެންގެވުމުގެ ދަށުން ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން މިކަމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަން ފަށާފައިވާއިރު މިހާރު ގިނަ ކުންފުނިތަކަކަކުން އިސްރާފުކުރުމަށް ނޫނެކޭ ބުނެ އެތައް މިލިއަން ރުފިޔާއެއް ވަނީ ސަލާމަތް ކޮށްފައެވެ.

ހަރަދުތައް ކުޑަކޮށް ކުންފުނީގެ ހިންގާ ގަވައިދަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ އެއް ކުންފުންޏަކީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އެވެ. އެގޮތުން އެ ކުންފުނި ރިފޯމް ކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް އެ ކުންފުނިން ދާދިފަހުން ވަނީ ބުނެފައެވެ. އާރްޑީސީން ބުނީ އެ ކުންފުނި ރިފޯމް އެޖެންޑާގެ މަޤުސަދަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމްކުރުން ނުވަތަ އިސްލާހުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމް ތަންފީޒް ކުރުމުގެ ގޮތުން ފެށި ކަމެއް ކަމަށެވެ.

އާރްޑީސީ ރިފޯމް ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ރައްޔިތުންގެ ޓެކްސް ފައިސާއިން އިސްރާފުވާ މިންވަރު ކުޑަކުރުމާއި ހަރުދަނާ އުސޫލުތަކެއް ޤާއިމުކޮށް ކުންފުނި ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ޒިންމާދާރު ގޮތެއްގައި ހިންގުން ހިމެނެއެވެ. އަދި ކުންފުންޏަށް ލިބޭ ގެއްލުން ކުޑަކޮށް ފައިދާވާނެ މަގުތައް ހޯދާ ތަންފީޒްކޮށް ކުންފުނީގެ ވިޔަފާރި ފުޅާކޮށް ސިންދަފާތު ކުރުން (ޑައިވަރސިޓިފިކޭޝަން) ހިމެނެއެވެ. އަދި ހަރުދަނާ ގޮތެއްގައި ކުންފުނި ހިންގުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުގެ ކުރުންވެސް ހިމެނޭ ކަމަށް އާރްޑީސީން ބުނެއެވެ.

މިވަގުތު އާރްޑީސީގެ ހާލަތަށް ބަލާއިރު މިހާތަނަށް ކުންފުނި ހިންގަމުން އައީ ގެއްލުމުގައި ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ފާހަގަ ކުރެވޭ ވަރަށް ކުންފުނީގެ ދަރަނި ބޮޑުކަމަށާއި އެކަށީގެންވާ ވަރަށް ކުންފުނީގެ އަމިއްލަ ވެހިކަލް ނެތުމުން، ވެހިކަލްތައް ހޯދުމާއި ދަތުރުފަތުރަށް ޚިދުމަތް ހޯދުމަށް ބޮޑު ހަރަދުތައް ކުރަންޖެހޭ ކަމަށް ކުންފުނިން ބުނެއެވެ. އަދި ކުންފުނީގެ އަމިއްލަ ގިނަ ވެހިކަލްތައް ގްރައުންޑްވެ މަރާމާތު ކުރަންޖެހިފައިވާ ކަމަށާއި ކުންފުނީގެ މަސައްކަތްތަކަށް އެކަށީގެންވާ ވަސީލަތްތައް ޤާއިމު ކުރެވިފައި ނެތުން ފާހަގަ ކުރިއެވެ. މީގެ ތެރޭގައި ހިއުމަން ކެޕިޓަލް މަނޭޖްމަންޓް، މަސައްކަތްތަކަށް ހުނަރުވެރި ފޯރސްއެއް ހިފެހެއްޓިފައި ނެތުން، ކޮންމެ މަހެއްގެ ޕޭރޯލް އާއި އުފެއްދުންތެރިކަމާއި ދިމާނުވުމާއި ހަރުދަނާ އިވެލުއޭޝަން އަދި ފީޑްބެކް ނިޒާމެއް ނެތްކަން ކުންފުނިން ފާހަގަ ކުރިއެވެ.

އާރްޑީސީން ބުނީ އެ ކުންފުނީގައި ސުލޫކީ މިންގަނޑެއް ނެތް ކަމަށާއި އަޚްލާޤީ މިންގަނޑެއްވެސް ނެތް ކަމަށެވެ. އެގޮތުން ލިޔުމުން އެންޑޯސްކޮށްފައިވާ ސިޔާސަތެއް ނެތް ކަމަށާއި ނަޒާހަތްތެރިކަމާއި، ޖަވާބުދާރީވުމާއި، ކޮމިޓްމަންޓް ނެތުމުން އުފެއްދުންތެރި މަސައްކަތްތަކެއް ކުރުމަށް ހުރަސް އެޅިފައިވާ ކަމަށެވެ. އަދި ކުންފުންޏަށް އާމްދަނީ ހޯދޭނެ އިތުރު މަގުތައް ހަނިވުމުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކަށް ބަރޯސާވާން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މީގެ އިތުރުން، މަޝްރޫއުތަކަށް ބޭނުންވާ ވެހިކަލް އަދި ސާމާނު ކުއްޔަށް ނަގަންޖެހުމުން މަޝްރޫއުތަކުގެ ޓައިމްލައިނާ އެއް ގޮތަށް ކުރިއަށް ގެންދަން ހުރަސް އެޅޭ ކަމަށާއި، ލިބޭ އާމްދަނީއަށްވުރެ ހިންގުމުގެ ހަރަދު މިހާރު ބޮޑު ކަމަށް އާރްޑީސީން ބުނެއެވެ.

އާރްޑީސީގެ ރިފޯރމް އެޖެންޑާގެ އެހީއާއެކު، ކުންފުނީގައި ހުރިމިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް އައުހިތްވަރެއް ލިބިގެންދާނެއެވެ. އެގޮތުން މި ރިފޯމް އެޖެްންޑާއަށް އެންމެ ފައިދާ ހުރި އެއް އިސްލާހީ ސްޓްރެޓެޖީއެއްގެ ގޮތުން ޔުޓިލިޓީސް އާއި ޕޭރޯލްކުޑަކުރުން ހިމެނެއެވެ. އަދި ކުންފުނީގެ އޮނިގަނޑަށް ބަދަލު ގެނެސް ކުންފުނީގެ ޑިޕާޓްމަންޓްތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުމަށް ވަނީ ނިންމާފައެވެ. އަދި ކުންފުނި އިތުރަށް ހަރުދަނާ ކުރުމަށް އެސްއޯޕީ އާއި އުސޫލުތައް ރިވައިސްކޮށް މޮނިޓަރ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން އެސްއޯޕީތަކަށް މުވައްޒަފުން އަހަލުވެރިކުރުވައި، ސާފުކޮށް އެނގެން ނެތް ގިނަ އިޖުރާތު (ޕްރޮސީޑަރސް) ތަކާއި، އެސްއޯޕީތައް ރިވައިސް ކޮށް މިހާރު ދިމާވާ މައުލޫމާތުގެ ފުށު އެރުން ކުޑަކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.



އާރްޑީސީގެ މި ރިފޯމް އެޖެންޑާގެ ތެރެއިން މުވައްޒަފުންނާއި ގުޅުން ހުރި ކަންކަމާއި ސްޓާފް އިވެލުއޭޝަން ހަރުކަށި ކުރުންފަދަ ކަންކަމުގެ ސަބަބުން އޮޕަރޭޝަނަލް ޚަރުދަތައް ކުޑަކުރެވި، އުފެއްދުންތެރިކަން އިތުރު ކުރެވޭނެ އެވެ. އަދި ކުންފުނީގެ ވިޔާފާރި ސިންދިފާތުކޮށް (ޑައިވަރސިފައި) އިމާރާތް ސާމާނާއި ޙައްލުތަކާއި، ލޭންޑްސްކޭޕިންގ އަދި އުޅަނދު ފަހަރު މަރާމާތުކުރުން ފަދަ މާކެޓްތަކާއި ދިމާލަށް ދަތުރު ފެށުމުން ކުންފުންޏަށް ލިބޭ އާމްދަނީ ބޮޑުތަނުން އިތުރުވެގެންދާނެކަންވެސް ފާހަގަކޮށްލެވެއެވެ. މިއާއެކު އާރްޑީސީ ވެގެންދާނީ ޚަރަދު ކުޑަކޮށް، މާލީގޮތުން ފައިދާވާ ކުންފުންޏަކަށްކަން ހަމަ ޔަގީނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން