ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް އަޑުއެހުމަށްފަހު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދެއްކެވި ވާހަކަތަކުން ހިތްހަމަޖެހި، ޑްރައިވަރުން ކުރި މުޒާހަރާ ހުއްޓާލައިފިއެވެ.

ޓެކްސީ ޑްރައިވަރުން މުޒާހަރާ ކޮށްފައި ވަނީ، ސަރުކާރުން ޓެކްސީ ލައިނެއް ފަށާނެ ކަމަށް އިއުލާނު ކުރުމާ ގުޅިގެންނެވެ. މުޒާހަރާ ކޮށްފައި ވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގްގެ ބޭރުގައެވެ.

މިއަދު ކުރިއަށް ދިޔަ މި މުޒާހަރާގައި ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުމަކަމަށް ވީ، ސަރުކާރުން ޓެކްސީ ލައިނެއް ފަށައިފިނަމަ ޓެކްސީ ޑްރައިވަރުންގެ އާމްދަނީއަށް އެކަމުގެ ނޭދެވޭ އަސަރު ކުރުމެވެ. އަދި ރޭގަނޑު ވެހިކަލް ޓޯކުރާ މައްސަލައަާއި ޓެކްސީ ކުރުމުގައި އުޅެވޭނެ މާހައުލެއް ފަހިވެފައި ނެތުމަކީވެސް މުޒާހަރާގެ ބައިވެރިން ކަންބޮޑުވުން ފާޅުކުރި ސަބަބެކެވެ.

ޑްރައިވަރުންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށްފަހު މިނިސްޓަރު ދެއްވީ އުންމީދީ ޖަވާބެކެވެ. އެގޮތުން މިނިސްޓަރު ވިދާޅުވެފައި ވަނީ، ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަށް މިވަގުތު ނުފަށާނެ ކަމަށާއި، އެކަމަށް ވަގުތު ނަގާނެ ކަމަށެވެ. އަދި މިވަގުތު ފަށާނީ އެކަމުގެ ދިރާސާގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް އެކަމުގެ އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ޑްރައިވަރުންނަށް ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން