ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސަރުކާރުން މިހާރު ފަށާފައިވާ އެމަޖެންސީ މެޑިކަލް ހިދުމަތްތަކުގެ ތެރެއިން ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމަށާއި ޓޫރިސްޓް ރިސޯޓްތަކަށް ފަތުރުވެރިން އުފުލުމުގެ މަސައްކަތް ކުރުމަށް ހެލިކޮޕްޓަރު އޮޕަރޭޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.

މިނިސްޓްރީން ބުނެފައިވަނީ، މި ހިދުމަތް ދިނުމަށް ބަޔަކު ހޯދަނީ 10 އަހަރުގެ މުއްދަތަށް ކަމަށެވެ.

އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 19 ގެ ކުރިން ހުށައެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިނގިރޭސިބަހުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

ބަލިމީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިއުއަށް ހާއްސަކޮށް ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ނިންމާފައިވާ ކަމަށާއި އެކަމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް މި އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު ސަރުކާރުން ވަނީ ބުނެފައެވެ.

ރާއްޖޭގައި 1999 ވަނަ އަހަރާއި ހަމައަށް އެކި ދުވަސްވަރު ހެލިކޮޕްޓަރު ދުއްވާފައިވެއެވެ. ނަމަވެސް، އެ އަހަރު ހިނގި ހިތާމަވެރި ހާދިސާއަކަށްފަހު އެކަން އޮތީ ސަލާމަތީ ހިދުމަތްތަކަށް އެކަނި ކުރެވޭގޮތަށް ހަނިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން