ރާއްޖޭގެ ރަށްރަށުގައި ހުރި މަގުބައްތިތައް އެއް މިންގަނޑަކަށް ގެނައުމަށް މިހާރު ފަށާފައިވާ މަސައްކަތް ފުރިހަމަކުރުމަށްޓަކައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އެކަމަށް ބޭނުންވާ ފައިސާ ހިމެނުމަށް ނިންމާފައިވެއެވެ.

ލޯކަލް ގަވަރނަންސް މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، މި ނިންމުން ނިންމާފައިވަނީ މިއަދު ހެނދުނު ފިނޭންސް މިނިސްޓްރީގައި ބޭއްވުނު ބައްދަލުވުމެއްގައި، މި މައްސަލައާ ގުޅުންހުރި ސަރުކާރުގެ އެންމެހައި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެން ކުރެއްވި މަޝްވަރާތަކަށް ފަހުގައެވެ.

މި ބައްދަލުވުމުގައި ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރުގެ އިތުރުން، ފިނޭންސް މިނިސްޓަރު ޑޮކްޓަރ މުޙައްމަދު ޝަފީޤު، އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު، އަދި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޔަޒީދު އަޙްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކަނޑައެޅިފައިވާ ސަލާމަތީ މިންގަނޑުތަކަށް ނުފެތޭ ގޮތަށް ކަރަންޓު ދޫކުރެވިފައިވާ މަގުބައްތިތަކަށް ދާއިމީ ޙައްލެއް ހޯދުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވުނު މި ބައްދަލުވުމުގައި، މަގުބައްތިތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަގުތީ ޙައްލެއް މި އަހަރު ތެރޭގައި ހޯދުމަށްވެސް ނިންމާފައިވާކަމަށް ލޯކަލް ގަވަރނަންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މަގުބައްތިއަކުން ކަރަންޓް ލީކުވެ، ކުޑަކުއްޖަކު ކަރަންޓުގައި ޖެހި މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ފެނަކައިން ވަނީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މުހިންމު ނިންމުމެއް ނިންމާފައެވެ. އެގޮތުން، ވަކި މުއްދަތެއް ކަނޑައަޅައި، އެ މުއްދަތު ހަމަވުމަށްފަހު، ރާއްޖޭގެ ރަށްރަށުގައި އާރތް ލީކޭޖް ސަރކިޓް ބްރޭކަރ (އީ.އެލް.ސީ.ބީ) ހަރުނުކޮށް ކަރަންޓް ދީފައިވާ ހުރިހާ މަގުބައްތިތަކުން ކަރަންޓް ކަނޑާލުމަށް ވަނީ ނިންމާފައެވެ. މި ފިޔަވަޅަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން