ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ)އަށް ބުލީ ކުރެއްވިކަމަށް ޒިޔާދު ތުުހުމަތު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު ހައިދަރު، އޭނާގެ ސުވާލަކަށް ޖަވާބު ނުދެއްވި ކަމަށް ވިދާޅުވެ ނިޒާމީ ނުކުތާ ނެންގެވި އެވެ.

އެގޮތުން ފްލެޓް ލިސްޓު މުރާޖާކުރާއިރު ގޯތި ލިސްޓު މުރާޖާ ނުކުރަނީ ކީއްވެތޯ އޭނާ ސުވާލުކުރެއްވުމުން މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވަނީ އެއީ ނިޒާމީ ނުކުތާއެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އެއާއެކު މަޖިލިސް ހޫނުވެ އެމްޑީޕީގެ މެމްބަރުން އަޑު ގަދަކުރެއްވުމުން ޒިޔާދާއެކު އެމްޑީޕީގެ ހަތަރު މެމްބަރުންގެ ނަން އިއްވައި ވަނީ ތަޅުމުން ބޭރުކޮށްފަ އެވެ.

އެއަށްފަހު ޒިޔާދު ވަނީ ސީދާ މިނިސްޓަރު އޭނާއަށް ޖަވާބު ދެއްވުން އެދި މަޖިލީހުގައި އަޑުގަދަ ކުރައްވައިފަ އެވެ.

އޭގެ ފަހުން އެމްޑީޕީގެ އިތުރު ތިން މެމްބަރުން އަޑު ގަދަކުރެއްވުމުން އެ ތިން މެމްބަރުންގެ ނަން އިއްވައި ވަނީ ތަޅުމުން ބޭރުކޮށްފަ އެވެ.

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒިޔާދު ވަނީ މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އެގޮތުން އޭނާ ކުރެއްވި ސުވާލަކީ މިއަދުގެ ސުވާލާ ގުޅުމެއް ނެތް ސުވާލެއް ކަމަށް ބުނެ މިނިސްޓަރަށް ޖަވާބު ދެވެންވެސް އޮތް ކަމަށް ޒިޔާދު ވިދާޅުވި އެވެ.

"އެއަށް އެއްވެސް އެއްޗެއް ވިދާޅުނުވެ އަޅުގަނޑު ކުޑަވީމައި ބުލީ ކޮށްލާނަމޭ ހިތާ ހަމަ އެގޮތަށް ކަން ކުރީ. ބޮޑު ލަޝްކަރެއް ފަހަތުގައި އޮންނާތީ ވަޒީރަށް ފެންނަނީ, މިއީ ކުޑަކުޑަ މީހެކޭ އެގޮތަށް ސިފަވީ. އެހެންވީމާ އަޅުގަނޑުމެން އަދި ކުޑަޔަކަސް އެހެން ބުލީއެއް ނުކުރެވޭނެ," ފިއްޓޭ ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން