މަގު ބައްތިތަށް ނުދިއްލޭ މައްސަލަ ފެނަކައިން ހައްލު ކުރަނީ،
މަގު ބައްތިތަށް ނުދިއްލޭ މައްސަލަ ފެނަކައިން ހައްލު ކުރަނީ،
ރަށްރަށުގައި ރައްކާތެރި މިންގަނޑަށް ނުފެތޭގޮތަށް މަގުމަތީގައި ޖަހާފައިވާ މަގުބައްތިތައް ރައްކާތެރިކަމުގެ މިންގަނޑަށް ފައްތަން ފެނަކަ ކޯޕަރޭޝަނުން ކައުންސިލްތަކަށް އިތުރު މުހުލަތެއް ދީފިއެވެ.

މިއީ ފެނަކައިން މި މުއްދަތު އިތުރުކޮށްދިން 3 ވަނަ ފަހަރެވެ.

މިއަހަރުގެ މޭ މަހުގެ ފަހުކޮޅު ރ. އުނގޫފާރު މަގުމަތީގައި ޖަހާފައިހުރި މަގު ބައްތިއަކުން މަގުމަތީގައި ހެދިފައި އޮތް ފެންގަނޑަކަށް ކަރަންޓު ލީކުވެ، ހިނގި ހާދިސާއެއްގައި އެރަށު ޒުވާނަކު ނިޔާވުމާ ގުޅިގެން، ރަށްރަށުގެ މަގު ބައްތިތައް ހުރީ ރައްުކާތެރިކޮށްތޯ ބެލުމަށް ފެނަކައިން ވަނީ ޚާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައެވެ.

އެ އިންސްޕެކްޝަނަށް ފަހު ފެނަކައިން ބުނެފައި ވަނީ، ގިނަ ރަށްރަށުގެ މަގުބައްތިތައް ޖަހާފައިވަނީ ރައްކާތެރިކަމުގެ މިންގަނޑަށް ފެތޭގޮތަށް ނޫން ކަމަށެވެ.

އެހެންކަމުން ފެނަކަ ކޯޕަރޭޝަނުން ވަނީ، ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ކަރަންޓުގެ ހިދުމަތް ދިނުމަށް މީގެކުރިން ކައުންސިލްތަކަށް އަންގާފައެވެ. ޖޫން މަހުގެ ކުރީކޮޅު ފެނަކައިން ކައުންސިލްތަކަށް އަންގާފައި ވަނީ، އެ މަހުގެ 27 ވަނަ ދުވަހުގެ ކުރިން މަގު ބައްތިތައް ރައްކާތެރިކަމުގެ މިންގަނޑާ އެގޮތަށް ބަދަލު ކުރަން ވާނެ ކަމަށެވެ.

ނަމަވެސް މަގުބައްތިތައް ރަނގަޅު ކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށް ކައުންސިލްތަކުން ބުނެފައި ވާތީ، އެކަން ރަނގަޅު ކުރަން ފެނަކައިން ދިން މަސް ދުވަހުގެ މުހުލަތު ހަމަވެ، އަނެއްކާވެސް ފެނަކައިން ވަނީ އޯގަސްޓް 21 ވަނަ ދުވަހަށް މުއްދަތު އިތުރު ކޮށްދީފައެވެ.

އޭގެ ފަހުން މިއަދު ފެނަކަ ކޯޕަރޭޝަނުން ބުނެފައިވަނީ ޔޫޓިލިޓީ ރެގުއުލޭޓަރީ އޮތޯރިޓީގެ މިންގަނޑަށް މަގުބައްތިތައް އިސްލާހުކުރުމަށް ދިން މުއްދަތު އަންނަ އަހަރުގެ ފެބްރުވަރީ 25 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ސަލާމަތީ މިންގަނޑަށް ނުފެތޭ ގޮތަށް 144 ރަށުގައި މަގު ބައްތި ހަރުކޮށްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން