މާފުށީ ޖަލު
މާފުށީ ޖަލު
ޖަލަށް މަނާތަކެތި ވައްދާކަމުގެ ތުހުމަތުގައި ހައްޔަރުކުރި 5 އޮފިސަރަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާ އުފުލައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން އެ ސަރވިސްގެ ވަޒީފާގައި ތިބެ، ޤާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބުތަކާއި ޚިލާފުވެ، ވަޒީފާގައިތިބެ ހިންގުން ހުއްދަނޫން ކަންކަމުން މާލީ މަންފާ ހޯދައި، ވަޒީފާއާއި ނުބައްދަލު ފައިސާގެ މުއާމަލާތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަޙުޤީޤެއް ހިންގައި އެމައްސަލަ ޕީޖީ އޮފީހަށް ހުށައަޅާފައިވާ ކަމަށެވެ.

އެހެންކަމުން އޭގެތެރެއިން 5 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް 22 އޮގަސްޓު 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

އެމައްސަލާގައި ދައުވާ އުފުލަން ފޮނުވި ފަސް މީހުންގެ ތެރެއިން ރ.އުނގޫފާރު އައިވަރީ ހައުސް ޖިނާހު އަބްދުއްރަހީމާއި ކ. މާފުށީ ބީޗްހައުސް އަލީ ހިޝާމްގެ މައްޗަށް ތިން ދައުވާއެއް ކުރަން ހުށަހަޅާއިފައިވެއެވެ. އެމީހުންގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލާގައި ދެން ދައުވާ ކުރަން ފޮނުވި ހދ. ނޭކުރަންދޫ ތަރާނާގޭ އަލީ ނާޒިމް އާއި ގއ. ވިލިނގިލީ ކުއްޅަވައްގެ މުހައްމަދު ފަތޫހު އަބްދުﷲ އާއި ނ. ލަންދޫ ކާމިނީގޭ އަލީ އަޝްފާގުގެ މައްޗަށް ދެ ދައުވާއެއް ކުރަން ހުށަހަޅާފައިވެއެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާއެވެ.

ޖަލު އޮފިސަރުންގެ މި ނެޓްވޯކްގެ މައްސަލާގައި ފުލުހުން މިގެ ކުރިން ބުނެފައިވަނީ މައްސަލާގައި 13 އޮފިސަރުން ހައްޔަރު ކޮށްފައިވާ ކަމަށާއި އޭގެތެރެއިން ނުވަ މީހަކު މާފުށިން ހައްޔަރުކުރި އިރު، ކާށިދޫން ދެ މީހަކު، އުތީމުން އެކަކު އަދި މާލެއިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރި އޮފިސަރުންގެ ތެރޭގައި ހިމެނެނީ ކ. މާފުށި މާވިނަ، ޒަޔާން އަހުމަދާއި ރ. މީދޫ ހިޖާޒް، ޔާމީން ހުސެއިނާއި ށ. ފޯކައިދޫ ފަހާގެ، އަހުމަދު ޝަމާލާއި ށ. ފޯކައިދޫ ދަނބުމާގެ، މުހައްމަރު ރިމާޒް އާއި ކ. ކާށިދޫ ބިންމަތީގެ، އަހުމަދު އަނޫފް އާއި ނ. ލަންދޫ ކާމިނީގެ، އަލީ އަޝްފާޤެވެ.

އޭގެ އިތުރުން ފ. ނިލަންދޫ ހަވޭލި، މާޒިން ހަމީދު އާއި ރ. އުނގޫފާރު އައިވަރީ ހައުސް، ޖިނާހް އަބްދުލްރަހީމާއި ގއ. ވިލިނގިލި، ކުއްޅަވައްގެ، މުހައްމަދު ފަތޫހު ފަތުހުﷲ އާއި ގ. އީވްނަން ސްޓާ، މުހައްމަދު ނަބުހާން އާއި މ. މޭދާ، މުހައްމަދު ނަބީލް އިބްރާހީމާއި ހދ. ނޭކުރެންދޫ، ތަރާނާގެ، އަލީ ނާޒިމާއި ކ. މާފުށި ބީޗް ހައުސް، އަލީ ހިޝާމް ވަނީ މިމައްސަލާގައި ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނީ މާފުށީ ޖަލަށް މަނާތަކެތި ވެއްދުމުގައި ޖަލު އޮފިސަރުންގެ 18 މީހަކު ބައިވެރިވި ކަމަށެވެ. އަދި އެމީހުންގެ އެކައުންޓުތަކަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން އެއް އޮފިސަރެއްގެ އެކައުންޓަށް އެކި ފަހަރު މަތިން ޖުމްލަ 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން