އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
މި ސަރުކާރުން 234 ޒުވާން ޚަތީބުން ތަމްރީނު ކޮށްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ އިމާމުންނަކީ ރަށްރަށުގެ މުޖުތަމަޢުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ބައެއް ކަމަށެވެ. އަދި އެއީ ދީނީ އެއްބައިވަންތަ ކަމާއި ދީނީ ވަޙްދަތު ހިފެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

އެގޮތުން ދީނީގޮތުން ހަރުދަނާ ލީޑަރުން އުފެއްދުމަށާއި ޒުވާން ޚަތީބުން ތަމްރީން ކުރުމަށް މި ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 234 ޚަތީބުން ތަމްރީނު ކޮށްފައިވާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

އޭގެ ތެރޭގައި ހިމެނެނީ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ތަމްރީނުކުރި 65 ބައިވެރިންނާއި ދެވަނަ ބުރުގައި ތަމްރީނުކުރި 169 ޚަތީބުން ހިމެނޭގޮތުން 234 ޚަތީބުންކަމަށް ވަޒީރު ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ މިމުޖުތަމަޢުގައި މިސްކިތްތަކުގެ މިންބަރުމަތިން ޒުވާނުން ޤައުމަށް ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކޮށް ހެޔޮ ނަސޭޙަތް ދެމުންދާ މަންޒަރު އަޅުގަނޑުމެންނަށް ފެންނަކަމީ އަޅުގަނޑުމެން އުފާކުރާކަމެއް.” ޑރ. ޝަހީމް މިއަދު ވިދާޅުވިއެވެ.

ޑރ. ޝަހީމް މިއަދުވަނީ ރާއްޖޭގެ އިމާމުން ތާޒާކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން 402 އިމާމުން ތާޒާކޮށް އިތުރު ތަމްރީން ދީފައިވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 100 އިމާމުން ރާއްޖޭން ބޭރުން ތަމްރީނު ކުރުން ކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް މި ސަރުކާރުން 234 ޒުވާން ޚަތީބުން ތަމްރީނުކޮށްފައިވާއިރު މިދައުރުގައި 1000 ޒުވާން ޚަޠީބުން ތަމްރީންކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން