ދައުލަތުގެ މީޑިއާ، ޕީއެސްއެމް ހިންގާ އިމާރާތުގެ ގޯތި ތެރޭގައި ތިން ބުރީގެ އިމާރާތެއް އަޅަން ނިންމައި އެކަން އިއުލާންކުރިތާ ދުވަސްތަކެއް ފަހުން ޕްލޭން ބަދަލުކޮށް ހަތަރު ބުރީގެ އިމާރާތެއް އަޅަން ނިންމައިފި އެވެ.

ތިން ބުރީގެ އިމާރާތެއް އަޅަން ނިންމައި އިމާރާތެއް ކުރަހައި އަދި ބީއޯކިއު ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖުލައި މަހު އެވެ.

އޭގެ ފަހުން ޕްލޭން ބަދަލުކޮށް ހަތަރު ބުރީގެ އިމާރާތެއް އަޅަން ނިންމައި ކޮންސެޕްޓް ޑިޒައިން ކޮށް ޑީޓެއިލް ކުރެހުން ކުރަހައި އަދި ބީއޯކިއު ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހު ހުޅުވާލި އެވެ. އަދި އޭގެ މުއްދަތު އިއްޔެ އޮތީ ހަމަވެފަ އެވެ.

ނަމަވެސް މިއަދު ޕީއެސްއެމުން ކުރި އިއުލާންގައި ބުނީ މި މަހުގެ 18 ވަނަ ދުވަހު ކުރި އިއުލާންއާ ގުޅިގެން ލިބުނު ކޯޓޭޝަންތަކުގެ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށްވާތީ އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އަނެއްކާވެސް ހުޅުވާލައިފައިވާ ކަމަށެވެ.

ނިމިގެން ދިޔަ ވެރިކަމުގައި 2022 ވަނަ އަހަރުވެސް ޕީއެސްއެމަށް 15 ބުރީގެ އިމާރާތެއް އަޅައިދޭނެ ބަޔަކު ހޯދަން ދެ ފަހަރު އިއުލާންކުރި އެވެ.

އޭރު ޕްލޭންކޮށްފައި އޮތީ އާ އިމާރާތް ޕީއެސްއެމްގެ ގޯތިތެރޭގައި އޮންނަ ހުސް ބިމުގައި ހެދުމަށް ފަހު މިހާރު ހިންގާ އިމާރާތް ތަޅާލުމަށެވެ.

ނަމަވެސް އެ މަސައްކަތް ކުރިއަކަށް ނުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން