މެންބަރުން ހަމަ ނުވާތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އުވާލަން ނިންމިތާ މަހެއްވީ އިރުވެސް އެކަމުގައި އެ ޕާޓީން އެއްވެސް ގޮތެއް ނިންމާފައި ނުވާކަން ހާމަވެއްޖެއެވެ.

މެންބަރުން ހަމަ ނުވެގެން ދެެފަހަރު މުހުލަތެއް ދިނުމަށްފަހު އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ނިންމީ މިދިޔަ އަހަރުގެ މޭ މަހުގަ އެވެ.

ނަމަވެސް އެ މައްސަލައިގައި އެމްއާރުއެމުން ކޯޓަށް ދިއުމުން މިދިޔަ ފެބްރުއަރީ މަހު ސިވިލް ކޯޓުން ވަނީ އެ ޕާޓީ އުވާލީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިފަ އެވެ.

ނަމަވެސް އޭގެ ފަހުން ވެސް ސިޔާސީ ޕާޓީގެ ޤާނޫނު ލާޒިމުކުރާ ޢަދަދަށް 3000 މެންބަރުން ހަމަވެފައިނުވާ ކަމަށް ބުނެ އެ ޕާޓީ އުވާލަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

އެމްއާރުއެމް އުވާލަން ނިންމި ނިންމުމާ ގުޅޭ ގޮތުން "ރަސް" އިން ސުވާލުކުރުމުން އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ ޕާޓީ އުވާލަން ނިންމި ނިންމުމާ ގުޅޭ ގޮތުން ޕާޓީން ވަކި ގޮތެއް އަދި ނިންމާފައި ނެތް ކަމަށެވެ.

އެމްއާރުއެމް އުވާލަން ދެވަނަ ފަހަރަށް ނިންމިއިރު އެކަމާ ގުޅޭ ގޮތުން ރައީސް މައުމޫން ވެސް އަދި އެޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫން ވެސް އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ދެ ބޭފުޅުން ފާއިތުވި މަހެއްހާ ދުވަހު ކުރި ޓުވީޓުތަކުގައި ވެސް މުޅިން ހުރީ ފަލަސްތީނުގެ މައްސަލައާއި އެހެނިހެން މުހިންމު މައްސަލަތަކާ ގުޅޭ ޕޯސްޓުތަކެވެ.

އެމްއާރުއެމުން ސިޔާސީ ގޮތުން ހަރަކާތެއް ނުބާއްވާތާ ވެސް ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން