ދިވެހި ރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުތަކަށް މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ތައާރަފްކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ ނިންމުން ނިންމާފައިވަނީ އުޅަނދު ރަޖިސްޓްރޭޝަން ފަދަ ކަންކަމަށް ހޭދަވާ ވަގުތު ކުޑަކުރުމަށާއި، އުޅަނދުތަކަށް ގެއްލުންދީ ވައްކަންކުރުން މަދުކުރުމަށް ކަމަށެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި، ރަޖިސްޓްރީނުކޮށް ނަންބަރު ޕްލޭޓް އަޅުވައިގެން ގިނަ އަދަދެއްގެ އުޅަނދު ދުއްވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ބޭނުންކުރަމުންދާ ނަންބަރު ޕްލޭޓް ސިސްޓަމްތަކުގެ ސަބަބުން ތަންފީޒީ އިދާރާތަކަށް ގާނޫނާއި ގަވާއިދު ތަންފީޒުކުރުމަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭކަން ވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގައި ދުއްވާ އުޅަނދުތަކަށް މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ތައާރަފްކުރުމުން، އެހެން ގައުމުތަކެކޭ އެއްފަދައިން، ޒަމާނީ ފެންވަރުގައި އެފަދަ އުޅަނދުތައް މޮނިޓާކޮށް، ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުން ފަސޭހަވެގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި ނިޒާމުގެ ސަބަބުން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ޓްރެކްކުރެވި، އުޅަނދުގެ ވެރިފަރާތަށް އިތުރު ރައްކާތެރިކަން ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން