އިބްރާހިމް ފަހީމް   28 ސެޕްޓެމްބަރު 2024 - 20:51
ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ސޮއިކުރައްވާ ބުރާސްފަތި ދުވަހު ނެރުއްވި، ޕީއެސްއެމުން ޑޮލަރު ގަތުމަށް ނެގި ފައިސާ އާއި އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ފައިސާއާއި ގުޅޭ ހާއްސަ އޮޑިޓު ރިޕޯޓުގައި ވަނީ އެ ކުންފުނީގެ ގިނަ އަދަދެއްގެ ފައިސާ ގެއްލިފައިވާކަމަށް ބުނެފައެވެ.

އަދި ފައިސާއާއި ބެހޭ ކަންކަމުގައި އިސްކޮށް އުޅުއްވި ވެރިންގެ އަމިއްލަ މަސްލަހަތު ހިމެނޭ ފަރާތްތަކުގެ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާކޮށްފައިވާކަން ވެސް އެރިޕޯޓުގައި ވަނީ ފަޅާއަރުވާލާފައެވެ.

އެ މައްސަލާގައި މިއަދު ފުލުހުން ބުނީ، ޕީއެސްއެމްގެ ކޮރަޕްޝަންގެ މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާ ކަމަށާއި، އެފަދަ މައްސަލަތައް ބެލުމުގެ އިހުތިސާސް ލިބިފައިވަނީ އޭސީސީއަށް ކަމަށްވާތީ ފުލުހުންގެ ފަރާތުން އޭސީސީއަށް މިހާރު އެ މައްސަލަ ހުށަހަޅާފައިވާނޭ ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، 2017 އިން 2020 ވަނަ އަހަރުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބުނު 4.23 މިލިއަން ރުފިޔާ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައި ނުވާކަމަށާއި އެ ފައިސާގެ ތެރެއިން 4.15 މިލިއަން ރުފިޔާ އެންމެފަހުން ހަވާލުވިކަމަށް، ކުންފުނީގެ ރެކޯޑުތަކުން ދައްކަނީ އެ ކުންފުނީގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު ކަމަށެވެ.

އަދި 2024 ވަނަ އަހަރު ބަލައިގެންފައިވާ 31 ހާސް ރުފިޔާ ވެސް ބެންކް އެކައުންޓަށް ޖަމާކޮށްފައި ނުވާކަން ހާމަވެފައިވާކަމަށް ރިޕޯޓުގައިވެއެވެ. އަދި ޑޮލަރު ގަތުމަށް ޖުމުލަ 5.79 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން ކުންފުންޏަށް ލިބިފައިވަނީ 1.20 މިލިއަން ރުފިޔާއަށްވާ 76 ހާސް ޑޮލަރު ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

އޮޑިޓްގައިވަނީ، އެ ފައިސާގެ ތެރެއިން ކުރީގެ ފައިނޭންސް ޑިރެކްޓަރުގެ ދަރިއެއްގެ އެކައުންޓަށް 1.16 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން