ޢާއްމު ވެފައިވާ ވީޑިއޯއިން ނަގާފައި
ޢާއްމު ވެފައިވާ ވީޑިއޯއިން ނަގާފައި
ނުރައްކާތެރިކޮށް ވާދައަށް ދުއްވި ލޯންޗުތަކެއްގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މީސް މީޑިޔާގައި އިއްޔެ އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ތިން ލޯންޗެއް ވާދައަށް ރަށެއްގެ ނެރުން ވަނުމަށް މަސައްކަތްކުރާ މަންޒަރެވެ. އެގޮތުން “ރިލެކްސް ގޯލްޑް” ލޯންޗް ނެރުން ވަންނަނިކޮށް “ނަސްރު ސްޕީޑް” ލޯންޗް ފަހަތުން އައިސް ނެރުން ވަންނައިރު، ދެ ލޯންޗް ވެސް ސްޕީޑަށް ބަދަލު ގެނެސްފައެއް ނުވެއެވެ.

އަދި އެ ދެ ލޯންޗްގެ ފަހަތުން “ރަމްޒު ކްއީން” ނަމަކަށް ކިޔާ ލޯންޗެއް ވެސް ބާރު ސްޕީޑުގައި އައިސް ބަނދަރަށް ވަންނަ މަންޒަރު އެ ވީޑިއޯގައި ފެނެއެވެ.

މިވީޑީއޯ މީސްމީޑިއާގައި ޢާއްމުވުމާ ގުޅިގެން ފުލުހުން މިއަދު ބުނީ މި ލޯންޗްތަކަކީ 2024 އޯގަސްޓް 13 ވަނަ ދުވަހު އއ އަތޮޅަށް ދަތުރުކުރި ލޯންޗްތަކެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށެވެ.

ހަމައެއާއެކު މިލޯންޗުތައް ނުރައްކާތެރިކޮށް ދުއްވި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މިމައްސަލަ ފުލުހުން އިތުރަށް ތަހުޤީގުކުރަމުން ދާކަމަށެވެ.

ފުލުހުން މިހެން ބުނެފައިވާއިރު މީސް މީޑިއާގައި އެ ވީޑިއޯ އާންމުކުރި މީހާ ބުނެފައިވަނީ އެ ތިން ލޯންޗަކީ ވެސް ބާރު ސްޕީޑުގައި ދަތުރުކުރާ ތިން ލޯންޗު ކަމަށާއި އޭގެން ދަތުރުކުރާ މީހުންގެ ފުރާނައާ މެދު ލޯންޗުގެ ކެޕްޓަނުން ނުވިސްނާ ކަމަށެވެ.

އެހެންކަމުން ގަވާއިދާ ޚިލާފަށް ބާރަށް ލޯންޗު ދުއްވާ މީހުންނަށް ފިޔަވަޅު އަޅައި، ލައިސަންސް ހިފަހައްޓަން ޖެހޭ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން