އިލްމީ ދިރާސާތައް ކުރަން އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)އާއި ފަތުވާދޭ އެންމެ މަތީ މަޖިލީހާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއަދު އައިޔޫއެމްގައި ބޭއްވި ހާއްސަ ރަަސްމިއްޔާތެއްގައި އެ އެމްއޯޔޫގައި އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސައީދު ގާސިމް ސޮއިކުރެއްވި އިރު ފަތުވާ މަޖިލީހުގެ ފަރާތުން ސޮއި ކުރެއްވީ އެ މަޖިލީހުގެ ރައީސް ފަޟީލަތުލް އުސްތާޒުއްޝައިޚް ޑރ. މުހައްމަދު ރަޝީދު އިބްރާހީމް އެވެ.

އެ އެމްއޯޔޫގެ މަގުސަދުތަކުގެ ތެރޭގައި ދިވެހި މުޖުތަމައަށް ދީނީ ގޮތުން އެނގުން އެންމެ މުހިންމުކަމަށް ފެންނަ ނުވަތަ އެންމެ ބޮޑަށް މުޖުތަމައުގައި އޮޅުން އަރާކަމަށް ފެންނަ ކަންކަމާއި ދާއިރާތަކަކީ ކޮބައިކަން ދެނެގަތުމަށް އިލްމީ ދިރާސާކުރުން ހިމެނެ އެވެ. އަދި އިދާރާތައް ގުޅިގެން ދީނީ އެކިއެކި ދާއިރާތަކުން ދީނީ، ޒަމާނީ، އިލްމީ މަސައްކަތްތަކެއް ކުރުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.



އެ އެމްއޯޔޫގެ ދަށުން އެއްބާރުލުން ދޭން ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި ކަނޑައެޅޭ ދާއިރާތަކަކުން އިލްމީ ދިރާސާތައް ކުރުމާއި އެކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުން ހިމެނެ އެވެ.

އަދި ދިރާސާތައް ކުރުމުގެ ބޭނުމަށްޓަކައި، އިލްމުވެރިންގެ އެހީތެރިކަން ފޯރުކޮށްދިނުމާއި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ދީނީ ވަހުދަތު ހިމާޔަތް ކުރުމަށާއި، ދީނުގެ މެދުމިންވުމުގެ ސިޔާސަތު ދެމެހެއްޓުމުގައި އެއްބާރުލުން ދިނުން ވެސް ހިމެނެ އެވެ.

އޭގެ އިތުރުން އިލްމީ ފޮތްތައް އެކުލަވައިލުމާއި ތަރުޖަމާ ކުރުމުގައި އެހީތެރިވުމާއި ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ މެދުގައި ދެނެގަތުމާއި ގާތްކަން ދެމެހެއްޓުމުގެ ބޭނުމުގައި ސެމިނާތައް އިންތިޒާމު ކުރުމުގައި އެހީތެރިވުން ވެސް ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން