ޓެކްސް ބޮޑުކުރުމަކީ ރިހޭ ފައިމައްޗަށް ފޮއި ވައްޓާލުން ފަދަ ކަމެއްގެ ގޮތުގައި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހަައްމަދު، ސަން ސިޔާމު ސިފަ ކުރައްވައިފި އެވެ.

ޓޫރިޒަމް ދާއިރާއިން ނަގާ ޖީއެސްޓީ ޓެކްސް 16 ޕަސެންޓްއަށް ބޮޑުކުރީ މިދިޔަ އަހަރު އެވެ. އަދި މި ސަރުކާރުން ވަނީ އެ ޓެކްސް 17 ޕަސެންޓަށް ބޮޑުކުރަން ނިންމައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ސަން ސިޔާމް ވަނީ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ސިޔާމް މިއަދު ވިދާޅުވީ މިހާރުވެސް ނަގަމުންދާ ޓެކްސްތައް މަދު ނޫން ކަމަށެވެ. އަދި ދުނިޔޭގެ އެކި ވިޔަފާރިތަކުން ރާއްޖެއަަށް އިންވެސްޓްކޮށްފައިވަނީ އެކި ފީސިބިލިޓީ ސްޓަޑީޒް ހަދައިގެން ކަމަށް ސިޔާމް ވިދާޅުވިއެވެ.

އެހެން ނަމަވެސް އެކި ސަރުކާރުތަކުން އަންނަ ގޮތަށް އައިސް ޓެކްސް ބޮޑުކުރުމުން ވާނެގޮތަކާމެދު ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ސިޔާމް ވިދާޅުވީ އިންޑިއާ މާކެޓް ގެއްލުމުން އެއް ބިލިއަން ޑޮލަރުގެ ގެއްލުންވި ކަމަށެވެ.

"އަދި މި ވަބާގައި އަޅުގަނޑުމެންނަށް ތެދުނުވެވި އުޅެނިކޮށް އަނެއްކާ ތިއުޅުއްވަނީ ރިހޭ ފައި މައްޗަށް ފޮއި ވައްޓާލަން ތި އުޅުއްވަނީ. އޭގެ ސަބަބުން އަޅުގަނޑުމެންގެ ފައި ދާނީ ފިސްފިސްވެގެން ކަމެއް ނޭނގެ." ސިޔާމް ވިދާޅުވި އެވެ.

ޓެކްސް ބޮޑުކުރުމާ ދެކޮޅަށް ވާހަކަ ދައްކަވާފައި ސިޔާމް ވިދާޅުވީ ޓެކްސް ނެގުމާ ދެކޮޅު ނޫން ކަމަށެވެ. ނަމަވެސް އޭގެން ލިބޭ ފައިދާ ރަނގަޅު ގޮތުގައި ބޭނުންކުރަން އޭނާ ގޮވާލެއްވި އެވެ.

ސިޔާމް ވަނީ ސަރުކާރުގެ ކުންފުނިތަކަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ކޮންމެ ރައީސަކު ވެރިކަމަށް އައިސް އެތައް ސަތޭކަ ކުންފުނި އުފައްދައިގެން ޓެކްސް ފައިސާ ކަނޑަށް އަޅާ ކަމަށް އޭނާ ސިފަކުރެއްވިއެވެ. އަދި ކުންފުނިތަކުން ކުރަނީ ވައްކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން