އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
އިސްލާމްދީނުގައި ޝަހީދުންގެ މައްޗަށް ކަށުނަމާދު ކުރުން ނޯންނަ ކަމަށާއި ޝަހީދުންގެ މައްޗަށް އޮތީ ހެޔޮ ދުޢާކުރުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިއަދު ވިދާޅުވީ އިސްލާމްދީނުގެ ޖުމުހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންނާ ހަނގުރާމަކުރަނިކޮށް މައިދާނުގައި ޝަހީދުވާ މީހުންގެ މައްޗަށް ކަށު ނަމާދު ކުރުން ނޯންނަ ކަމަށެވެ. އަދި އެގޮތަށް ކަށު ނަމާދު ކުރެވިދާނެކަމަށް ދެކެނީ ވަރަށް މަދު އިލްމުވެރިއެއް ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

ޑރ. ޝަހީމް ވިދާޅުވީ ޝަހީދުންގެ މައްޗަށް ކަށުނަމާދު ކުރުން ޖާއިޒުކަމަށް ދެކޭ އިލްމުވެރިން ވެސް އެއީ ވާޖިބު ކަމެއް ނޫންކަމަށް ވިދާޅުވާ ކަމަށެވެ.

އެހެންކަމުން އިސްލާމް ދީނުގެ ކަންކަމުގައި ޢަމަލުކުރަންވާނީ ދީނުގައި އޮންނަ ރަނގަޅު ގޮތަށް ކަމަށާއި ކީރިތި ރަސޫލާގެ ޞައްޙަ ސުންނަތުގައި އޮންނަ ގޮތަށް ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

“އުޙުދު ހަނގުރާމައިގައި ޝަހީދުވި މާތް ޞަޙާބީންގެ މައްޗަށް ކީރިތި ރަސޫލާ ކަށު ނަމާދު ކުރައްވާފައި ނުވެއެވެ. އެހަނގުރާމައިގައި އެކަލޭގެފާނުގެ މާތް ބޮޑު ބޭބޭފުޅު ޙަމްޒަތުގެފާނުގެ ވެސް ޝަހީދުވެވަޑައިގެންނެވިއެވެ. ޙަމްޒަތުގެފާނުގެ މައްޗަށް ވެސް، އެހެން ބޭކަލެއްގެ މައްޗަށް ވެސް ވަޅުލުމުގެ ކުރިން ކަށު ނަމާދުކުރައްވާފައިނުވެއެވެ.” ޑރ. ޝަހީމް ވިދާޅުވިއެވެ.

އޭގެ އިތުރުން ޑރ. ޝަހީމް ވިދާޅުވީ ޝަހީދުން ވަޅުލަނީ ނުހިނަވައި އެމީހުންގެ ލެއާއެކުގައި ކަމަށާއި ޝަހީދުންގެ މައްޗަށް ކަށު ނަމާދު ކުރުމެއް ނެތް ކަމަށެވެ.

“ޝަހީދުންނަކީ މަރުވިޔަސް، ދިރި ތިބި ބައެކެވެ. ޝަހީދުންގެ މައްޗަށް އޮތީ ހެޔޮ ދުޢާކުރުމެވެ.” ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައިވާއިރު ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ޙަމަލާތަކުގައި ދާދިފަހުން ޝަހީދުވި އިސްލާމީ ލީޑަރުންގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށު ނަމާދު ކޮށްފައި ނުވާތީ ބައެއް ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑު ކިޔާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން