ކުރިއަށް އޮތް ނޮވެމްބަރު މަހުން ފެށިގެން އަލުން ޑޮމެއިން ނަންބަރު ދޫކުރަން ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މަސައްކަތް ފަށަން ނިންމާފައިވަނީ އެކަމުގައި އަމަލުކުރާ އުސޫލުތަކަށް ވެސް ބަދަލުތަކެއް ގެނެސްގެން ކަމަށެވެ.

އެގޮތުން، ރެކޯޑުތައް ބަލަހައްޓާ އަދި މޮނިޓާ ކުރާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން ކުރި މަގުގައި ދިމާވެދާނެ މައްސަލަތައް މަދު ކުރުމަށް އެކަށީގެންވާ ފުރިހަމަ ގަވާއިދެއް އެކުލަވާލެވިގެންދާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"އަލުން މި ހިދުމަތް ފެށުމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ވޭތުވެދިޔަ ތަނުގައި ޑޮމެއިންގެ ރެކޯޑުތައް ހަރުދަނާ ގޮތެއްގައި މިނިސްޓްރީގައި ބެލެހެއްޓިފައި ނެތުމާއި ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލު ކުރާނެ ހަރުދަނާ އުސޫލުތަކެއް އެކުލަވާލާފައި ނެތުމެވެ." އެ ބަޔާނުގައިވެއެވެ.

މިނިސްޓްރީން ބުނީ، އަލަށް ގެންނަ ބަދަލުތަކާ އެކު ޑޮމެއިން ހިދުމަތް ފޯރުކޮށްދިނުމަށް ދޫކުރެވޭ އެންމެހައި ލިޔެކިޔުންތަކަކީ ސެކިއުރިޓީ ފީޗާސްތައް އެކުލެވޭ ރައްކާތެރި ލިޔުންތަކެއްގެ ގޮތުގައި ހެދިގެން ދާނެކަމަށެވެ. އަދި އެ މަސައްކަތް ކުރާނީ އެއްވެސް ފަރާތެއްގެ ހައްގަށް އުނިކަމެއް އަންނާނެ ކަމެއް ދިމާނުވާނެ ގޮތަށް ކަމަށާއި އެ މިނިސްޓްރީގެ މަގުސަދަކީ ޑޮމެއިން ނަންބަރުތަކާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކަށް ގާނޫނާއި ގަވާއިދުގެ ތެރެއިން ހައްލު ގެނައުން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ޑޮމެއިންގެ މައްސަލާގައި މީގެ ކުރިން މިނިސްޓަރ އަމީން ވަނީ ވެހިކަލް ރަޖިސްޓްރީ ކުރުމުގައި ކުރިން ހަދަމުންދިޔަ ގޯސްތަކަކީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ގުޅިގެން ބަޔަކު ކުރަމުން ދިޔަ ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ކަންކަން ގާނޫނާއި ގަވައިދާ އެއްގޮތަށް ކުރިނަމަ މިއަދު މާލެ މިހާލަތުގައި ނޯންނާނެ ކަމަށްވެސް އަމީން އޭރު ވިދާޅުވިއެވެ.

ޑޮމެއިން ވިއްކުމުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާތީ ޑޮމެއިން ވިއްކުން ހުއްޓާލީ މިދިޔަ ސަރުކާރުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން