ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
މިދިޔަ ފަސް އަހަރު ސްކޫލުތަކުގައި ކުލަލުމަށް ފައިސާވެސް ނުލިބުނު ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އަހަރެއް ފުރޭތީ "ހަފްތާ 52" ގެ ނަމުގައި ރޭ ދަޢުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމްގައި ވަޒީރު ޝަފީޢު ވިދާޅުވީ ކުރީ ސަރުކާރުން ސްކޫލުތަކަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން ސްކޫލުތަކަށް ބޭނުންވާ ޒަރޫރީ ކަންކަމާއި، އާބާތުރަ ފިލުވުމަށް މަސައްކަތް ކޮށްފައި ނުވާކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ކުރީ ސަރުކާރުން ސްކޫލްތައް ވީރާނާވުމަށް ދޫކޮށްލުމަށްފަހު މަސައްކަތް ކޮށްފައިވަނީ މުޅިން އެހެން ކަމެއް ޙާސިލު ކުރުމަށް ކަމަށެވެ. އެގޮތުން މަލްޓިޕާފަސް ހޯލްތައް އެޅުމާއި މުޅިން އައު ކްލާސްރޫމްތައް އެޅުން ފަދަ މަސައްކަތްތަކަށް ދަޢުލަތުގެ ފައިސާ ބޭނުން ކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.

“މިދިޔަ ފަސް އަހަރު ސްކޫލުތަކުގައި ކުލަލުމަށް ފައިސާވެސް ނުލިބުނު ކަމަށް ބައެއް ޕްރިންސިޕަލުން ވިދާޅުވި.” ވަޒީރު ވިދާޅުވިއެވެ.

ޑރ. ޝަފީޢު ވިދާޅުވީ ތަޢުލީމާބެހޭ ދާއިރާއިން އެކަނިވެސް ކުރީ ސަރުކާރުން އެކި ފަރާތްތަކަށް 280 މިލިޔަން ރުފިޔާގެ ފައިސާ ނުދައްކާ ހުރި ކަމަށެވެ. ނަމަވެސް މިހާރު އޭގެތެރެއިން 250 މިލިޔަން ރުފިޔާ ދައްކާފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު ކުރީ ސަރުކާރުގައި ތަޢުލީމީ ދާއިރާއަށް އިހުމާލުވެފައިވާ މައްސަލަތައް ބަލަމުންދާކަމަށް ތަޢުލީމާބެހޭ ވުޒާރާއިން މީގެ ކުރިންވެސް ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން