ކުރީގައި ރާއްޖޭގައި އޮތް ކަތީބުންގެ ނިޒާމަށް ރަށްރަށް ހިންގުމުގެ ކަންކަން ދެން ނުދާނެކަމަށް ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 1 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ ރަށްތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުންކަމަށް އެ ރައްޔިތުން މިހާރު ބަލައިގެންފައިވާކަމަށެވެ.

އެހެންކަމުން، ބަޔަކު ކިތަންމެ ވާހަކައެއް ދެއްކިޔަސް ދެން ރާއްޖޭގެ ރަށްތައް ހިންގުމުގެ ނިޒާމު ކަތީބުންގެ ނިޒާމަށް ނުދާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަލުން ކަތީބުންގެ ނިޒާމަށް ބަދަލުކުރާވަރަށްވުރެ ދިވެހީން ތިބީ ލާމަރުކަޒީ ނިޒާމަށް ބޭނުންވެފައިކަމަށެވެ.

އެހެންކަމުން މި ސަރުކާރުން ކުރިއަށް ދާނީ ލާމަރުކަޒީ ނިޒާމު ރާއްޖޭގައި އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ކައުންސިލްތަކާއިއެކު މަސައްކަތްކޮށްގެން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އަދި ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްކަމަށްވާއިރު ކައުންސިލްތައް ވެސް ސަރުކާރުގެ ފަށަލައެއްގެ ގޮތުގައި ހަރަކާތްތެރި ކުރުމަށާއި ކައުންސިލްތަކަކަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަންތަނަށް ހެދުމަށް މި ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި އޭގެތެރޭގައި ކައުންސިލްތައް ތަހުޒީބުވެ ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރެވޭނެގޮތަށް ކަންކަން ފަހިކޮށްދިނުމަށް ލޯކަލް ގަވަރނަންސް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ކައުންސިލްތަކުން ބަލައިގަންނަކަމަށާއި އެކި ހިޔާލުތަކުގެ ކައުންސިލްތަކާއިއެކު ވެސް މިހާރު ގިނަ މަޝްވަރާތަކެއް ކުރިއަށް ގެންދެވޭކަމީ އެކަމުގެ ހެއްކެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމަންޓް ބިލްގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށްބުނެ ކައުންސިލްތަކުގެ އެސޯސިއޭޝަނުން މިހާރުވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ވެސް ނެރެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން