ވެމްކޯގެ މުވައްޒަފުން ޚިދުމަތުގައި
ވެމްކޯގެ މުވައްޒަފުން ޚިދުމަތުގައި
ރަށްރަށުން ކުނި ބޭރުކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ތައްޔާރު ވަމުންދާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ހާމަކޮށްފިއެވެ.

ދަޢުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިންގެ މެނޭޖަރ ޢަބްދުﷲ ސިނާން ވިދާޅުވީ މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ކައުންސިލްތަކާ ގުޅިގެން ކަމަށެވެ.

ސިނާން ވިދާޅުވީ ކުނި މެނޭޖްކުރުމަކީ ރަށްރަށަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެހެންކަމުން ކުނި ނަގައިދީ މެނޭޖްކުރުމުގެ ޚިދުމަތް ދިނުމަށް އެދި ގިނަ ކައުންސިލްތަކަކުން އެ ކުންފުންޏަށް ހުށައަޅަމުން ގެންދާ ކަމަށެވެ. އެހެންކަމުން އެކަމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ސިނާން ވިދާޅުވިއެވެ.

އަދި އެ މަސައްކަތް ކުރިއަށް ގެންދާނީ ވެމްކޯއަށާއި، ކައުންސިލްތަކަށްވެސް މާލީގޮތުން ބުރަ ބޮޑުނުވާނެ ގޮތަށް ކަމަށްވެސް ސިނާން ވަނީ ވިދާޅުވެފައެވެ.

“މިހާރުވާނީ ފީސިބިލިޓީ ސްޓަޑިއެއް ހަދާފަ. އެއާއެކު އަންނަ ޖެނުއަރީ މަހުން ފެށިގެން މިޚިދުމަތް ދޭނީ ވެމްކޯއަށްވެސް މާލީ ގެއްލުން ނުވާނެހެން. ކައުންސިލްތަކަށްވެސް މާބުރަ ބޮޑު ނުވާނެހެން.” ސިނާން މަޢުލޫމާތު ދެއްވާފައިވެއެވެ.

ސިނާން މިހެން ވިދާޅުވެފައިވާއިރު 2017 ގައި އުފެއްދި ވެމްކޯއިން މިހާރު ދަނީ އެކުންފުނީގެ އޮޕަރޭޝަން އަތޮޅުތެރެއަށް ފުޅާކޮށް ކުނިއުކާލުމުގެ އިތުރުން އެހެނިހެން ޚިދުމަތްތައްވެސް ފޯރުކޮށްދެމުންނެވެ. އެގޮތުން ރިސޯޓުތަކުން ކުނި އުކާލުމުގެ ޚިދުމަތާއި ފޮޅާ ސާފުކުރުމުގެ ޚިދުމަތްވެސް ވެމްކޯއިން މިހާރު ފޯރުކޮށްދެއެވެ.

އޭގެއިތުރުން އެކުންފުނިން ވަނީ އަންނަ އަހަރުން ފެށިގެން މާލޭ ސަރަޙައްދުގައި ޑިމޮލިޝިންގެ ޚިދުމަތް ފެށުމަށް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން