ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު
ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު
މާލޭގައި މަތީސާނަވީއަށް ކިޔެވޭނެ ޖާގަ އިތުރު ކުރުމުގެ މަސައްކަތްތައް މިއަހަރު ފެށިގެންދާނެ ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އެނުއަލް ޖޮއިންޓް އެޑިޔުކޭޝަން ސެކްޓަރ ރިވިއުގެ ނަމުގައި ކުރިއަށްގެންދާ އެއް ދުވަހުގެ ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ވަޒީރު ވިދާޅުވީ، މާލޭގައި މަތީސާނަވީއަށް ކިޔެވޭނެ ޖާގަ އިތުރުކުރުމަށް އައު އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ މަސައްކަތްތަކެއް މިއަހަރު ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅާ އެއްގޮތަށް ކުރިއަށް ގެންދަވާ މަސައްކަތްޕުޅެއްކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު ވަޒީރު ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށާއި ޒުވާނުންނަށް ދިމާވާ އެކި މައްސަލަތަކުގެ ހައްލަކީ މަތީ ސާނަވީ ތަޢުލީމަށް ކިޔަވާ ދަރިވަރުންގެ ޢަދަދު އިތުރުކުރުން ކަމަށެވެ. އެގޮތުން، މިދިޔަ އަހަރު ކުރިއަށް ގެންދިޔަ އަޖުމަބެލުމުގެ ޕްރޮގުރާމްގެ ދަށުން މާލޭގެ ސްކޫލްތަކުގައި މަތީ ސާނަވީ ތަޢުލީމު ކިޔަވަން ފެށި ދަރިވަރުންގެ ޢަދަދު 109 އިންސައްތަ އިތުރުކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭގެއިތުރުން އަތޮޅުތެރޭގައި މަތީ ސާނަވީ ތަޢުލީމު ކިޔަވަން ފެށި ދަރިވަރުންގެ ޢަދަދު 54 އިންސައްތަ މަތިކުރެވިފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.

"ޕައިލެޓް ޕްރޮގުރާމްގެ ތެރެއިން މާލޭގެ ސްކޫލްތަކުގައި ކިޔެވި ދަރިވަރުންގެ ތެރެއިން މަތީ ސާނަވީ ތަޢުލީމު ކިޔަވަން ފެށި ދަރިވަރުންގެ އަދަދު 109 އިންސައްތަ އިތުރުކުރެވިއްޖެ. އަތޮޅުތެރޭގައި 54 އިންސައްތަ މަތި ކުރެވިއްޖެ." ވަޒީރު ވިދާޅުވިއެވެ.

މިއަދު ފެށުނު އެނުއަލް ޖޮއިންޓް އެޑިޔުކޭޝަން ސެކްޓަރ ރިވިއު ސަމިޓުގައި ތަޢުލީމީ ދާއިރާއަށް ދިމާވާ ދަތިތަކާއި އެ ދަތިތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. އަދި މި ސަމިޓުގައި 2024 ވަނަ އަހަރުގެ ތަޢުލީމީ ދާއިރާގެ ފައިނަލް ރިވިއު އެކުލަވާލާނެ ކަމަށްވެސް ތަޢުލީމީ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން