ރާއްޖޭގެ ދަނޑުވެރިކަމަށް އެހީތެރިވުމުގައި ރިސޯޓުތަކަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މިހެން ބުނީ ވަޒީރު ޑރ. މަރްޔަމް މާރިޔާ އާއި ވުޒާރާގެ ޓީމެއް ކްރޮސްރޯޑްސް އަށް ކުރެއްވި ރަސްމީ ދަތުރަކަށް ފަހުގައެވެ. މި ދަތުރަކީ ރިސޯޓްތަކާއި ވުޒާރާއާ ދެމެދު އެއްބާރުލުން އިތުރުކެރިދާނެ ދާއިރާތައް ދެނެގަތުމަށް ކުރެއްވި ދަތުރެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

ވަޒީރު މާރިޔާ އާއި އެ ވުޒާރާގެ ޓީމު ކްރޮސްރޯޑްސް އަށް ޒިޔާރަތްކުރައްވާ އެތަނުގައި ދަނޑުވެރިކަމުގެ ތަކެތި ހައްދާގޮތްތައް ވަނީ ބައްލަވާލައްވާފައެވެ. މި ދަތުރުގައި ވަޒީރު ވަނީ އެ ރިސޯޓުގެ ބަދިގެއަށް ބޭނުންވާ ކާނާ ދަނޑުތަކުގައި އުފައްދާ ގޮތްތައް ބައްލަވާލައްވައި، މައުލޫމާތު އޮޅުންފިލުއްވާފައެެވެ. އެ ޒިޔާރަތުގައި އެތަނުގެ ގަސްގަހާގެހި އިންދާ ބަލަހެއްޓުމަށް ކުރާ މަސައްކަތްތަކާއި، ތަރުކާރީ އުފެއްދުމަށް ބޭނުންކުރާ ތަފާތު ގޮތްތައް ވަޒީރު ބައްލަވާލައްވާފައި ވެއެވެ.

ވުޒާރާއިން ބުނީ އެ ދަތުރުން ފާހަގަކުރެވުނީ ރިސޯޓުން ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށް ގެންގުޅޭ އުސޫލުތަކާއި، ކާނާ އުފެއްދުމުގައި ގެންގުޅޭ އައު ގޮތްތަކުގެ ތަރުތީބުކަމާއި ފުރިހަމަކަން ކަމަށެވެ. އަދި އެތަނުގެ މަސައްކަތްތަކުން ފާހަގަކުރެވުނީ ރާއްޖޭގެ ދަނޑުވެރިކަމަށް އެހީތެރިވުމުގައި ރިސޯޓުތަކަށް އަދާކުރެވިދާނެ މުހިންމު ދައުރު ކަމަށްވެސް ވުޒާރާއިންވަނީ ބުނެފައެވެ.

"އެއީ ރާއްޖޭގައި އުފައްދާ ތަކެތި ގަތުން އިތުރުކުރުމުގެ ގޮތުން ކަމުގައިވިޔަސް، ހައިޑްރޯޕޯނިކްސް ނުވަތަ އެހެނިހެން ގޮތްތަކަށް ގަސްއިންދާ، އިންވެސްޓްކުރުން ކަމުގައިވިޔަސް، ނުވަތަ ރާއްޖޭގެ ދަނޑުވެރިންނާ ހުނަރު ހިއްސާކުރުން ކަމުގައިވިޔަސް." ވުޒާރާއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން