އެންވައިރަމެންތަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)
އެންވައިރަމެންތަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)
އެންވައިރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ޖޫރިމަނާ ކުރުމުން އެކަމަށް ތަބާނުވެ، ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކުގެ ވިޔަފާރިތައް ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީން ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީއަށް މި މައްސަލަ ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހީމް އެވެ. އެގޮތުން މެމްބަރު މުސްތަފާ ވަނީ ތިމާވެށީގެ މައްސަލަތަކުގައި ޖޫރިމަނާކުރާ ކުންފުނިތަކުން ޖޫރިމަނާ ފައިސާ ނުދައްކާތީ އެކަމާ ގުޅޭގޮތުން ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ.

މުސްތަފާ ވިދާޅުވީ އެފަދަ ކުންފުނިތައް ޖޫރިމަނާކުރުމުންވެސް ފައިސާ ނުދައްކައި ހިތުހުރިގޮތަކަށް ކަންކަން ކުރަމުންދާ ކަމަށާއި، މިހެން ކަންތައް ކުރަނީ މިކަމުގައި އީޕީއޭ އަދި ޓްރާންސްޕޯޓް މިނިސްޓްރީން އަދާކުރަންޖެހޭ ޒިއްމާތައް އަދާނުކުރާތީ ކަމަށެވެ.

އަދި ތިމާވެށްޓާ ގުޅުންހުރި މައްސަލަތަކުގައި ޖޫރިމަނާކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތަކަކީ މިހާރުވެސް ރާއްޖޭގައި ފުޅާދާއިރާއެއްގައި ވިޔަފާރިތައް ކުރަމުން އަންނަ ކުންފުނިތައްކަން މުސްތަފާ ފާހަގަ ކުރެއްވިއެވެ.

އެގޮތުން ޖޫރިމަނާ ކުރެވިފައިވާ ކުންފުނިތަކުގެ ތެރެއިން އިންޑިއާގެ އިންފްރާސްޓްރަކްޗާ ކުންފުނި މޯހަން މުތާގެ މައްސަލަ މިސާލަކަށް ނަންގަވައި މުސްތަފާ ވިދާޅުވީ، އެކުންފުނި ޖޫރިމަނާ ނުދެއްކުމުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މިހާތަނަށް އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށެވެ. އަދި މިކަމާ ގުޅުންހުރި ޗިޓުތައް ހަވާލު ކުރަންޖެހޭ އޮފީހެއްވެސް ކަމާ ބެހޭ ފަރާތްތަކަށް ހޯދިފައި ނުވާ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މި ކުންފުންޏަކީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ގެނައުމުގެ އިތުރުންވެސް ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުން އަންނަ ކުންފުންޏެކެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީން ވަނީ ޖޫރިމަނާ ފައިސާ ނުދައްކާ މައްސަލާގައި ޓްރާންސްޕޯޓްގެ ވެރިން މަޖިލީހަށް ހާޒިރުކުރުމަށް ނިންމާފައެވެ. އަދި ވިޔަފާރިތައް ހުއްޓުވުމަށް ތިމާވެއްޓާބެހޭ ވުޒާރާއިން އިކޮނޮމިކް މިނިސްޓްރީއާ އެއްވެސް ކަހަލަ މުއާމަލާތެއް ކުރިތޯ ބެލުމަށްވެސް ކޮމިޓީއިން ނިންމަވާފައި ވެއެވެ.

އިޕީއޭއިން ތިމާވެއްޓާބެހޭ މައްސަލަތަކުގައި ޖޫރިމަނާ ކުރުމުން އެފައިސާ ނުދައްކާ ކުންފުނިތައް ރާއްޖޭގައި ވަރަށް ގިނައެވެ. އެގޮތުން ތިމާވެށީގެ މައްސަލަތަކުގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި ބިލިއަނެއްހާ ރުފިޔާ ހުރިކަމަށް މިދިޔަ އަހަރު އީޕީއޭއިން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން