ޗައިނާގެ ބެއިޖިންގްގައި މިހާރު ކުރިއަށްދާ "ގްލޯބަލް ޗިލްޑްރަންސް އެންވަޔަރަންމަންޓަލް ހެލްތު ކޮންފަރެންސް" ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާ އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު އަޙްމަދު ނާސިރެވެ.

ޔުނިސެފާއި އެ ޖަމްޢިއްޔާގެ ބައިވެރިން ގުޅިގެން އިންތިޒާމުކޮށްފައިވާ މި ކޮންފަރެންސަކީ، މޫސުމަށް އަންނަ ބަދަލުތަކާއި، ވައިގެ ތަގައްޔަރުވުމާއި، ފެން ތަޣައްޔަރުވުން ފަދަ ތިމާވެށީގެ ނުރައްކާތަކުން ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި ގާނޫނުތަކާއި ސިޔާސަތުތައް ހަރުދަނާކޮށް، ތަންފީޛީ ފިޔަވަޅުތައް ވަރުގަދަކުރުމަށް މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އެކި ގައުމުތަކުގެ ސަރުކާރުތަކުގެ މަންދޫބުންނާއި، ސިޔާސަތު އެކުލަވައިލާ ފަރާތްތަކުގެ އިތުރުން ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ، ހިޔާލާއި ތަޖުރިބާ ހިއްސާކުރާނެއެވެ،

މި ކޮންފަރެންސްގެ ސަބަބުން ރާއްޖެއަށް ބައިނަލްއަގުވާމީ ތަޖުރިބާތަކުން މަޢުލޫމާތު ލިބި، ތިމާވެއްޓާއި ސިއްހީ ދާއިރާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ ތިމާވެށީގެ ސަބަބުން ކުޑަކުދިންގެ ސިއްހަތަށް ކުރިމަތިވާ ނުރައްކާތަކަށް އަމަލީ ގޮތުން ހައްލު ހޯދުމަށް ފުރުސަތު ފަހިވެގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި މި ބައްދަލުވުމުގެ ސަބަބުން ލިބޭ ޢިލްމާއި ބަދަހިވާ ގުޅުންތަކުގެ އެހީގައި، ދިވެހި ކުޑަކުދިންނަށް ޞިއްޙަތު ރަނގަޅު، ރައްކާތެރި އަދި މޫސުމީ ގޮތުން ވިލުންވެރި މާޙައުލެއް ޤާއިމުކޮށްދިނުމަށްޓަކައި ކުރިމަގުގައި އެކަށައަޅާ ސިޔާސަތުތަކަށާއި އަޅާ ފިޔަވަޅުތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް