މަޖިލިސް މެމްބަރުންނަށް ޕްރޮގްރާމްތައް ހިންގަން އައިޔޫއެމްއެކު ސޮއިކުރުން
މަޖިލިސް މެމްބަރުންނަށް ޕްރޮގްރާމްތައް ހިންގަން އައިޔޫއެމްއެކު ސޮއިކުރުން
ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގާނޫނީ ދާއިރާއިން ޑިގްރީ ފެންވަރަށް ކޯހެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އައިޔޫއެމްގެ އޮފިޝަލަކު މިއަދު "ރަސް"އަށް ވިދާޅުވީ މިހާރު މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ތެރެއިން ޝަރީއާ އެންޑް ލޯގެ ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝަރުތުހަމަވާ ބޭފުޅުން އެބަ ތިބި ކަމަށެވެ.

އެހެންވެ ދެ ހަފްތާ ތެރޭގައި މަޖިލިސް މެމްބަރުންނަށް ހާއްސަކޮށް ޑިގްރީ ކޯސް ފަށަން ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ މަޖިލިސް މެމްބަރުންނަށް ފަސޭހަވާ ގަޑިތަކުގައި ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

އައިޔޫއެމުން ހިންގާ އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީޢާ އެންޑް ލޯ ކޯހެއްގައި މަޖިލީހުގެ އަށް މެމްބަރަކު ބައިވެރިވެ މިއަދު ވަނީ ކިޔަވަން ވެސް ފަށައިފަ އެވެ. މިއީ ވެސް ސީދާ މަޖިލިސް މެމްބަރުންނަށް ހާއްސަކޮށް އޮންލައިންކޮށް ފެށި ޕްރޮގްރާމެކެވެ.

އެއް އަހަރު ދުވަހަށް ކުރިއަށް ގެންދާ އެޑްވާންސް ސެޓްފިކެޓް ޕްރޮގްރާމް ނިމުމުން ޑިގްރީ ޕްރޮގްރާމްގައި މަޖިލިސް މެމްބަރުންނަށް ބައިވެރިވެވޭނެ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން