ހައުސިންިނިސްޓަރ ޑރ. ޢަބްދުﷲ މުއްތަލިބު
ހައުސިންިނިސްޓަރ ޑރ. ޢަބްދުﷲ މުއްތަލިބު
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ގިނަ ބަނދަރުތަކުގެ މަޝްރޫއުތައް ހުއްޓިފައިވަނީ، މަސައްކަތަށް ބޭނުންވާ ހިލަ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާ ގުޅިގެން ތަކެތީގެ އަގު އުފުލި، ސަޕްލައިއަށް ބުރޫއަރާފައިވާ މި ދަނޑިވަޅުގައިވެސް، ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އެކި ގޮތްގޮތުން ހައްލު ހޯދައިގެން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މެންބަރު އަބްދުލްޣަފޫރު މަޖިލީހުގައި ސުވާލު ކުރެއްވީ ހިރިމަރަދޫ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚަކާއި، ނާވައިދޫގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ނުފެށި ލަސްވާ ސަބަބުގެ އިތުރުން ނާވައިދޫއާއި ފިނޭގެ ބަނދަރުގެ މަސައްކަތް ހުއްޓިފައިވާ މައްސަލައާއި ހަނިމާދޫ ބަނދަރުގެ ތޮށިގަނޑު ހަލާކުވެފައިވާ މައްސަލަ ހައްލުކުރުމާ ގުޅޭގޮތުންނެވެ.

މިކަންކަމަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، ދުނިޔޭގެ ބާޒާރަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ދިމާވެފައިވާ ދަތިތަކާއެކުވެސް ސަރުކާރުން އޮތީ މަސައްކަތްތައް ހުއްޓާލައިގެން ނޫން ކަމަށާއި، ބޭނުންވާ ހިލަ ލިބުނުހާ އަވަހަކަށް ނިންމާލެވޭނެ ގިނަ ޕްރޮޖެކްޓްތަކެއް މިހާރުވެސް އެބަހުރި ކަމަށެވެ.

މީގެއިތުރުން، ބަނދަރު ހެދުމުގެ މަޝްރޫއުތަކަކީ ރަށްރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއާ ނުހަނު ބޮޑަށް ގުޅިފައިވާ މަސައްކަތްތަކަކަށް ވާއިރު، މިހާރު ހުއްޓިފައި ހުރި މަޝްރޫއުތަކަށް ބޭނުންވާ ހިލަ ލިބުނުހާ އަވަހަކަށް ނިންމާލެވޭނެ ވަރަށް ގިނަ ޕްރޮޖެކްޓްތައް އެބަހުރި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް