ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ 20 މީހަކު ޖަލު ހުކުމް ތަންފީޒުކުރުމުގެ ބަދަލުގައި ގޭބަންދުގައި ތިބި މައްސަލަ ތަޙުޤީޤުކޮށްދިނުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި މެންބަރު އެދިވަޑައިގެންފައިވަނީ، މި މައްސަލައާ ގުޅުންހުރި އިދާރާތައް މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް މިކަން ހިނގާފައިވާ ގޮތް ސާފުކުރުމަށެވެ.

މެންބަރު ފާހަގަކުރައްވާފައިވާ ގޮތުގައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް (ސީއެފްޕީއެސް) ގެ ދަފުތަރުގައި ހިމެނޭ މި ނުރައްކާތެރި ކުށްވެރިން ގޭބަންދަށް ބަދަލުކޮށްފައިވަނީ ކޮން ޤާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުންކަން ސާފުވާންޖެހެއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޢަމަލުކުރާ ޚާއްޞަ ޤާނޫނުގެ ދަށުން، މިފަދަ ކުށްވެރިންނަށް ކަފާލާތާއި ޕެރޯލްގެ ފުރުޞަތު ނުލިބޭނެކަމަށާއި، ޤާނޫނުގެ މަޤުޞަދަކީ އެފަދަ މީހުން މުޖުތަމަޢާ އެކަހެރިކޮށް ޖަލުގައި ބައިތިއްބައިގެން ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުންކަން އޭނާ ހަނދާންކޮށްދެއްވިއެވެ.

މީގެ އިތުރުން، މި ކުށްވެރިން ގޭބަންދުގައި ތިބުމަށް ކަނޑައަޅާފައިވާ ޝަރުތުތަކަކީ ކޮބައިކަމާއި، އެކަން މޮނިޓަރކޮށް ބަލަހައްޓަނީ ކޮން އިދާރާއަކުންކަން ސާފުކުރުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ. އަދި އެ މީހުން ދޫކޮށްފައިވާ ރަށްރަށުގެ ކައުންސިލްތަކަށާއި ބެލެނިވެރިންނަށް އެކަން އަންގާފައިވޭތޯއާއި، އެ މީހުންގެ ފައިގައި އިލެކްޓްރޯނިކް ޓެގް އަޅުވައިގެން މޮނިޓަރކުރަމުންދޭތޯ ބެލުމަކީވެސް ކޮމިޓީން ކުރަންޖެހޭނެ ކަމެއް ކަމުގައި ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މިއީ މުޅި މުޖުތަމަޢުގެ ކަންބޮޑުވުން އޮތް ވަރަށް ނާޒުކު މައްސަލައަކަށް ވުމާއެކު، މިކަމުގައި ޤާނޫނީ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އެ މީހުން އަނބުރާ ޖަލަށް ގެންދިއުމަށް ކަމާބެހޭ ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތައް އޮޅުންފިލުވައި، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މެންބަރު ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު