ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
މިދިޔަ ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތަކަކީ "ދޮންދަރިން" ކަމަށް ބަލައި އެއްފަރާތް ނުކުރައްވާ ކަމަށާއި، އެ މަޝްރޫއުތައް ނިންމުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ލ. ކުނަހަންދޫގެ ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު ހަވާލުވިއިރު ކުރީ ސަރުކާރުން ފަށާފައި ހުރި ގިނަ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތް ނަމަވެސް، އެ މަޝްރޫއުތައް ހުއްޓާލުމުގެ ބަދަލުގައި އެއީވެސް ސަރުކާރުގެ އަމިއްލަ ޕްރޮޖެކްޓްތަކެއް ކަމަށް ދެކިގެން ހިންގޭނެ މަގުތައް ހޯދުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، ފެނާއި ނަރުދަމާގެ މަސައްކަތްތައް އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ ބަޖެޓުން ހަރަދުނުކޮށް އެ ކުންފުނީގެ އާމްދަނީއާއި ތަޖުރިބާގެ އެހީގައި އެ މަސައްކަތްތައް އަވަހަށް ނިންމުމަށް ކަމަށާއި، މަސައްކަތްތަކުގައި ކޮންމެވެސް ލަހެއް ވިޔަސް ގާނޫނުގައިވާ ގޮތަށް އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ.

އަދި އަންނަ އަހަރު ފެނާއި ނަރުދަމާއަށް ކަނޑައަޅާފައިވާ ބަޖެޓު މަދުވެފައިވަނީ އާ މަޝްރޫއުތައް ނުފަށާތީ ކަމަށާއި، ބަޖެޓު އެކުލަވާލާފައިވަނީ ފަށާފައި ހުރި މަޝްރޫއުތައް ނިންމުމަށް އިސްކަންދީގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން 2027 ވަނަ އަހަރުގެ ނިޔަލަށް ފެނާއި ނަރުދަމާގެ މަޝްރޫއުތައް ނިންމުމަކީ ގާނޫނީ ޒިންމާއެއްގެ އިތުރުން ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަންޖެހޭ ކަމެއް ކަމަށާއި، ރާއްޖޭގައި އަދިވެސް ސާފު ފެން ނެތް 43 ރަށަކާއި ނަރުދަމާ ނިޒާމެއް ނެތް 33 ރަށެއް އެބަ އޮތް ކަމަށް މިނިސްޓަރު މުއްތަލިބު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް