ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ބަހަނީ- ފޮޓޯ: ގޫގުލް
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ބަހަނީ- ފޮޓޯ: ގޫގުލް
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅުކޭސް ދޫކުރާ ޓޯކެންގެ އަދަދު އިތުރުކުރަން ނިންމާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

"ރޯދަ ހަދިޔާ" ޕޯޓަލްގެ ނަމުގައި ޕޯޓަލެއް ގާއިމުކޮށް، މަސްދަޅު ކޭސް ބަލާ ދިއުމަށް ޓޯކެން ދޫކުރަން ފަށާފައިވަނީ ރޭގައެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ރައްޔިތުންނަށް އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން މިރޭ 18:00 ގައި ޓޯކެން ދޫކުރަން އަލުން ފަށާއިރު އަނެއްކާވެސް ބަދަލުތަކެއް ގެންނަން ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ގެންނަ ބަދަލުތަކުގެ ތެރޭގައި ކޮންމެ މަރުކަޒަކުން ޓޯކެން ދޫކުރާ ވަރު ރެއަށްވުރެ އިތުރު ކުރުމަށް ވަނީ ނިންމާފައެވެ. އަދި މިހާރު ޓޯކެން ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ފަހުގެ ތާރީހަކަށް ޓޯކަން ލިބިފައިވާ ފަރާތްތަކަށް، ތާރީހު އަވަސް ކުރުމުގެ ފުރުސަތު ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ޓޯކަން ނެގުން ފަދަ ކަމެއްގައި ހައްލުކޮށްލަން ޖެހޭ ފަދަ ކަމެއް ކުރިމަތިވާ ފަރާތްތަކަށް އެއް ދިމާލަކުން އެކަމަށް އަޅާލައި، އެކަން ހައްލު ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ނިންމާފައިވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިރޭ ޓޯކަން ދޫކުރަން ފަށާއިރު، މިހާރު ޓޯކަން ލިބިފައިވާ ފަރާތްތަކަށް ހަމަ އެ ޓޯކަންއަށް ކުރިއަށް ގެންދެވޭނެއެވެ.

ސަރުކާރުގެ އަމާޒަކީ ރޯދަ މަހުގެ ކުރިން ހުރިހާ ފަރާތްތަކަށް ރޯދަ ހަދިޔާ ހަމަޖެއްސުން ކަމަށް ވުމާއެކު، ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ބަހާ ނިމެންދެން އެ މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.



އަލުން ޓޯކެން ދޫކުރަން ފަށާއިރު ޓޯކެން ދޫކުރާ އަދަދަށް ބަދަލުތަކެއް ގެންނަން ނިންމިނަމަވެސް، އިތުރުކުރާ ވަރެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ރެއަކު 08:00 އިން 12:00 އަށެވެ. މަސްދަޅު ކޭސް ދޫކުރާނީ އައިޑީކާޑާއި އެއް މަހުގެ ކަރަންޓު ބިލު ގެންދިއުމުންނެވެ. އަދި ކޮންމެ މީހަކަށް ގިނަ ވެގެން ދޫކުރަނީ ތިން މީޓަރުގެ މަސްދަޅު ކޭސް ކަމަށް ލޯކަލް ގަވަމެންޓު އޮތޯރިޓީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން