ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް - ފޮޓޯ: ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް - ފޮޓޯ: ފޮރިން މިނިސްޓްރީ
ފަލަސްތީނު ރައްޔިތުންގެ އިންސާނީ ކަރާމާތާއި ދިރިއުޅުން ވެސް އިއާދަކޮށްދޭން ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ގޮވާލައްވައިފިއެވެ.

ޑރ. ޚަލީލް މިހެން ގޮވާލެއްވީ ސްވިޓްޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 58 ވަނަ ސެޝަންގެ ހައިލެވެލް ސެގްމަންޓްގައި ތަގުރީރުކުރައްވަމުންނެވެ.

އެ ބައްދަލުވުމުގައި ޚަލީލް ވިދާޅުވީ، ޣައްޒާއަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލުމަކީ ރާއްޖޭން މަރުހަބާ ކިޔާ ކަމެއްކަމަށެވެ. ނަމަވެސް، އެއީ އެކަމަށް ލިބުނު ދާއިމީ ހައްލެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން، އިސްރާއީލްގެ އުދުވާންތަކުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތައް އަލުން ކޮޅަށް ނެގިޔަސް އަދި ނުފުދޭ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި، އިންސާނީ ކަރާމަތާއި، ދިރިއުޅުން އިޔާދަކޮށްދޭން ވާނެކަމަށް ޚަލީލް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރުގެ ވާހަކައިގައި ވަނީ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ މެންބަރު ގައުމެއްގެ ހައިސިއްޔަތުން ރާއްޖޭން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވާފައެވެ.

އެގޮތުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ކައުންސިލްގެ މަސައްކަތުގައި ބައިވެރިވުމަށް މަގުފަހިކުރުމަށްޓަކައި ވޮލަންޓްރީ ޓްރަސްޓް ފަންޑެއް ގާއިމުކުރުމާއި ސާފުތާހިރު، ދުޅަހެޔޮ، ދެމެހެއްޓެނިވި ތިމާވެށްޓަކީ އިންސާނީ ހައްގެއްކަން ދުނިޔޭގެ ފެންވަރުގައި ބަލައިގަތުމުގައި ރާއްޖޭން ކޮށްފައިވާ މަސައްކަތްތަކާއި އަދާކޮށްފައިވާ ދައުރުގެ މައްޗަށް ޚަލީލްގެ ވާހަކައިގައި އަލިއަޅުވާލެއްވިއެވެ.

އޭގެ އިތުރުން ޚަލީލް ވަނީ މި ސަރުކާރުން ދިވެހީންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

ރާއްޖެއަކީ 2023 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ނިޔަލަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ މެންބަރު ގައުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން