އަންނަ އޭޕްރީލް މަހުގެ 15އިން ފެށިގެން ހުރިހާ ބޭހެއް އެސްޓީއޯ ބޭސްފިހާރަތަކުން ލިބެންފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދ. އަތޮޅު މީދޫގެ ރައްޔިތުންނާއި މިރޭ ބައްދަލުކުރަށްވައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ބޭހުގެ ދަތިކަން މި ދުވަސްވަރު އުޅެނީ އެސްޓީއޯގެ ރޭޓަށް ބޭހުގެ އަގުތައް ތިރިކުރުމުން ބޭސް ގެންނަ ފަރާތްތަކުން ދަތިކުރަން ފެށުމުން ކަމަށެވެ. އެ މައްސަލަ ހައްލުކުރަން ފިނޭންސް މިނިސްޓްރީގެ ހާއްސަ އެހީތެރިކަމާއެކު އެސްޓީއޯ އިން ހުރިހާ ބޭހެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

އެގޮތުން ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ހުރިހާ ބޭހެއް އަންނަ މަހުގެ 15 އިން ފެށިގެން އެސްޓީއޯގެ ބޭސްފިހާރަތަކުން ލިބެން ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެ އެއް މަސް ފަހުން ދެން ހުރި ހުރިހާ ބޭސްތަކެއް ވެސް ލިބެން ހުންނާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

"މެޑިކަލް މާފިޔާއަށް، ބޭސްތައް ކޮންޓްރޯލްކުރުމުގެ ފުރުޞަތެއް އަޅުގަނޑުމެން ނުދޭނަން. އަޅުގަނޑުމެން 15 މާރިޗާ ހަމައަށް އެމްއެފްޑީއޭގެ އެސެންޝިއަލް މެޑިކަލް ލިސްޓުގައި ހުރި ހުރިހާ ބޭހެއް ގެނެސް ހަމަކޮށް އެސްޓީއޯގެ ބޭސްފިހާރަތަކުން، އެއްވެސް ކަންބޮޑުވުމެއްނެތި ރައްޔިތުންނަށް ލިބިގެންދާނެ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ޕްރައިވެޓް ސެކްޓާއިން މިކަމުގައި ރައްޔިތުންނަށް އުނދަގޫ ކުރަން ކުރި މަސައްކަތް އެއްކޮށް ހައްލުކުރާނެ ކަމަށެވެ. ރައީސް ވިދާޅުވީ ފާމަސީތަކުން އެތައް ގުނައެއް އިތުރަށް ފައިދާ ޖައްސައިގެން ބޭހުގެ ވިޔަފާރިކުރިކުރުން ނިމުމަކަށް ގެނެވިފައިވާކަމަށެވެ. އަދި މި ފަހަކަށް އައިސް ކުރިމަތިވި ބޭހުގެ ދަތިކަމަކީ، ސީދާ މި ކަމުގެ ސަބަބުން ކުރިމަތިކުރުވި ދަތިކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އެއްވެސް ފަރާތަކުން، ރައްޔިތުންނަށް ދަތިކުރުމުގެ ފުރުޞަތު މި ސަރުކާރަކުން ނުދެއްވާނޭކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން