ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް ނިންމާފައިވާ ހައުސިން މަޝްރޫޢުގެ ތެރެއިން އަމިއްލަ ގޯތީގައި ގެއަޅަން ބޭނުންވާ މީހުންގެ ގޯތީގައި ގެ އެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދ. އަތޮޅު މީދޫގެ ރައްޔިތުންނާއި ރޭ ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުން ހައުސިން ޔުނިޓް އެޅުމަށް އިޢުލާންކުރިއިރު ހުރިހާ ރަށެއްގައި އަމިއްލަ ގޯތީގައި ގެ އެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެމަނިކުފާނު ވަނީ ކޮންމެ ރަށެއްގައި ރަމަޟާން މަސް ނިމުމުގެ ކުރިން އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އަޅަންބޭނުންވާނަމަ އެކަން ސަރުކާރަށް އެންގުމަށް އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ އެގޮތަށް އެދޭ ކޮންމެ މީހެއްގެ ގޯތީގައި ގެއަޅައިދިނުމަށް އިސްކަންދެއްވާނެކަމަށެވެ. އެއަށްފަހު ވަކި ހައުސިން ޔުނިޓްތައް އަޅާނީ އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ސަރަހައްދުގައިކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ޕްރޮޖެކްޓްގެ ތެރެއިން ހައުސިން ޔުނިޓް އަޅަން މި އިއުލާންކުރި ކޮންމެ ރަށެއްގައި ވެސް ކައުންސިލަށް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ ކުރިއަށް މިއޮތް ރަމަޟާން މަސް ނިމުމުގެ ކުރިން އެރަށެއްގެ ރައްޔިތުންގެ ތެރެއިން އެރަށެއްގެ ހައުސިން ޔުނިޓް އަޅަން އިއުލާންކުރި ކޮންމެ ރަށެއްގައި އަމިއްލަ ގޯތީގައި މީގެތެރެއިން ހައުސިން ޔުނިޓެއް އަޅަން ބޭނުންވާ ފަރާތްތައް ކަނޑައަޅައި ދެއްވާށޭ. ކަނޑައަޅުއްވައި ދެއްވާފައި އެ މައުލޫމާތު މިނިސްޓްރީ އަށް ފޮނުއްވައި ދެއްވާށޭ. އޭރުން އެފަރާތްތަކުގެ ގޯތީގައި މި ޕްރޮޖެކްޓްގެ ތެރެއިން އަޅުގަނޑުމެން ކޮންމެ ގޯއްޗެއްގައި ގެއެއް އަޅައިދޭނަމޭ 3 ކޮޓަރީގެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް މުޢިއްޒު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 12 ހާހަށްވުރެ ގިނަ ހައުސިން ޔުނިޓް އެޅުމަށް ވަޢުދުވެވަޑައިގެންފައެވެ. ސަރުކާރުން މިހާރު ވަނީ އެ ހުރިހާ ހައުސިން މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ބަޔަކު ހޯދުމަށް އިޢުލާންކޮށްފައެވެ. އެގޮތުން 57 ރަށެއްގައި ހައުސިން ޔުނިޓް އެޅުމަށް ބަޔަކު ހޯދުމަށް ސަރުކާރުން ވަނީ އިޢުލާންކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން