ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރާ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހެޅި ބިލަށް ތާއީދު ކުރުމަށް ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ލީޑާޝިޕުން ނިންމާފައިވާ ކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިރޭ ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ސަރުކާރުގެ ފަރާތުން، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ބިލެއް ވަނީ ހުށައަޅާފައެވެ. އެ ބިލުގެ އިބުތިދާއީ ބަހުސްވަނީ މާދަމާއަށް މިހާރު ވަނީ އެޖެންޑާކޮށްފައެވެ.

އެ ބިލާ ގުޅޭ ގޮތުން، ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެ ޕާޓީގެ ޕީޖީގެ ވަޓްސްއެޕް ގުރޫޕަށް މިރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެ ބިލު މަޖިލީހުން ބަލައިގެން އެ ބިލަށް ޕީއެންސީގެ ޕީޖީން ތާއީދު ކުރާން ޕީއެންސީ ލީޑާޝިޕުން ނިންމައިފައިވާ ކަމަށެވެ. އަދި މި ބިލު ބަލައިގަތުމަށް ޕީއެންސީ މެންބަރުން ވޯޓު ދެއްވުމަށް ފަލާހު ވަނީ އެދިވަޑައިގެންފަ އެވެ.

ސުޕްރީމް ކޯޓު ބެންޗުގައި ތިއްބަވާ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކޮށް، ބެންޗު ފަސް ފަނޑިޔާރުންނަށް މަދުކުރުމުގެ ބިލަށް ވެރިކަން ކުރާ ޕީއެންސީގެ ހުރިހާ މެންބަރުން ތާއިދު ކުރަން އަންގާފައިވާއިރު އެބިލާއި ޕީއެންސީގެ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

ސަރުކާރު ހިންގާ ޕީއެންސީން އެ ބިލު ހުށަހަޅައިފައިވަނީ، ޕާޓީން ވަކިކުރާ ނުވަތަ އަމިއްލައަށް ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް މަޖިލީހުން ފާސްކުރި އިސްލާހާ ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައި އެމައްސަލަ ބަލަމުން ދަނިކޮށެވެ.

މެންބަރު ސައްތާރު ހުށަހަޅުއްވާފައިވާ ބިލްގައިވާގޮތުން، އެ ބިލުގައިވާގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ތިރިކުރަން ނިންމައިފިނަމަ ވަކިކުރަންޖެހޭ ދެ ފަނޑިޔާރުގެ ނަން، ގާނޫނަށް އަމަލުކުރަން ފަށާތާ 5 ދުވަހުގެ ތެރޭގައި ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެއެވެ. އަދި މަޖިލީހުން 7 ދުވަހުގެ ތެރޭގައި އެކަމަށް ގޮތެއް ނިންމަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން