ރައްޔިތުންގެ ބާރުވެރިކަން ކަށަވަރު ކުރެވޭނެ ނިޒާމީ އިންތިޒާމުތައް މި ސަރުކާރުން ފުނޑާލައިފި ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢިލް ވިދާޅުވީ ގާނޫނުއަސާސީއާ ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމު ސަރުކާރު ހިންގާ ޕީއެންސީން ފުނޑާލައިފި ކަމަށާއި ރާއްޖޭގައި މިހާރު ހިނގަނީ ޣައިރު ޤާނޫނީ ދައުލަތެއް ކަަމަށެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި ކުރިއަށް އޮތީ ދަތި އުނދަގޫ ދުވަސްތަކެކެވެ.

"މުޅި ވެރިކަމުގެ ނިޒާމު ފުނޑާލި މުއިއްޒުގެ ސަރުކާރަކީ ގާނޫނީ ތަރަހައިން ބޭރުވެފައިވާ ގައިރު ގާނޫނީ ސަރުކާރެއް،" ފައްޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވީ މިހާރު ދެން އޮތް ހަމައެކަނި ގޮތަކީ ޑިސެންބަރު 10، ގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގޮތަށް ސަރުކާރުގެ ނޭއްގާނީ އަމަލުތަކާ ދެކޮޅަށް މެދުކެނޑުމެއް ނެތި އަޑު އުފުލުން ކަމަށެވެ.

ޑިސެންބަރު 10، ގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރީ އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކޮށް އެކި ކަންކޮޅުތަކުގައި އިހުތިޖާޖުތައް ހިންގުމަށެވެ. އަދި އެ މަސައްކަތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތައް ވެސް ބައިވެރި ކުރުމަށް އެ ޕާޓީން ވަނީ ނިންމާފަ އެވެ.

އެ ކަމަށް އިޝާރަތް ކުރަައްވައި ފައްޔާޒް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ ބާރުވެރިކަން އަލުން އިއާދަކުރުމަށް އެމްޑީޕީން ސިލްސިލާކޮށް ހަރަކާތްތައް ހިންގާނެ ކަމަށެވެ. އެ ހަރަކާތްތަކުގައި ބައިވެރިވުމަށް ރާއްޖޭގައި ހިންގާ ހުރިހާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ އިތުރުން ޑިމޮކްރެސީގެ ދިފާއުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ވެސް ފައްޔާޒް ވަނީ ދައުވަތު ދެއްވާފައެވެ.

ފައްޔާޒު މިހެން ވިދާޅުވެފައިވާއިރު ކޯޓުތަކާއި ބެހޭ ގާނޫނަށް ބަދަލު ގެނެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. ސިޔާސީ ޕާޓީތަކުން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ހުށަހަޅައިފައިވާ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް ދެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހުން ފާސްކޮށްފައިވާއިރު އޭސީސީން ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން ސުޕުރީމް ކޯޓުގެ 3 ފަނޑިޔާރަކު މިއަދު ވަނީ ސަސްޕެންޑްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު