ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކެއް
ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކެއް
މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައްހާސް ރައްޔިތުން ހައުސިން ލޯނަށް އެދި ހުށައަޅަމުންދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެެވެ.

ރައީސް މިހެން ވިދާޅުވީ ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އެންމެ މުހިންމު ވަސީލަތަކީ އިސްލާމިކް ފައިނޭންސް ލޯން ސްކީމް ކަމަށެވެ. އެގޮތުން ފަސް ޕަރސެންޓުގެ އިސްލާމިކް ފައިނޭންސް ލޯން ސްކީމަށް މިހާރުވެސް މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައްހާސް ރައްޔިތުން ހުށައަޅަމުން ގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި އަހަރުގެ މެދުތެރޭގައި، ހައުސިން ލޯނު ދޫކުރަން ފެށޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތި އޮތް މީހަކު ނަމަ އެންމެބޮޑު އެހީތެރިކަމެއް، ނުވަތަ ގެދޮރުވެރިކަމެއް ދެވޭނީ އެ ލޯނު ސްކީމުން ކަމަށެވެ.

"އެއީ، އެ މީހާގެ ގޯތީގައި ގެއެއް އެޅުމަށް، ނޫނީވިއްޔާ އަޅަން ފަށައި ނުނިމިހުރި ގެ ނިންމުމަށް، އެ ލޯނު ސްކީމްގެ ބޭނުންހިފޭނެތީ. ލުއި ލޯން ސްކީމެއް އެއީ. އިމާރާތް ކުރާ ތަން ރަޙުނުކޮށް އަދި އިކުއިޓީ ނުބަހައްޓައި، ވަރަށްލުއި ޓަރމްސްތަކެއްގެ އިސްލާމިކް ލޯން ސްކީމެއް އެއީ. ބެހެނިވެރިން އެކުވެގެން ދިހަ މިލިއަން ރުފިޔާއާ ހަމަޔަށް މާލޭގައި ވިއްޔާ ލޯނު ނެގޭނެ. އަދި ޖުމްލަކޮށް ހަ މިލިއަން ރުފިޔާ، ނޯމަލީ މާލޭ ސަރަޙައްދުގައި ލޯނު ނެގޭނެ،" ރައީސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ހައުސިން ލޯނު ދޫކުރުމަށް މި އަހަރަށް 1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. އޭގެތެރެއިން ވަރަށް ގިނަ ރައްޔިތުން މި އަހަރު ލޯނު ނަންގަވައިގެން އަމިއްލަ ގެ ހަދަން ފަށާނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން ކުރިއަށް ގެންދާ ހައުސިން މަޝްރޫޢު ތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ މާލޭގައިވެސް ހައުސިންގ މަޝްރޫޢުތަކެއް ހިންގަން ވަނީ ނިންމާފައިވާ ކަމަށެވެ. އެގޮތުން މާލެ އާއި ވިލިމާލެ އަދި ގުޅީފަޅުގައި މި އަހަރު ތެރޭގައި ޢަމަލީގޮތުން ގެދޮރުވެރިކަމުގެ މަޝްރޫޢުތަކެއް ފެށިގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އެ މަޝްރޫޢުތައް ފެށިގެންދާއިރުގައި، މާލެއިން ހައުސިންގ ޔުނިޓް، ސޯޝަލް ހައުސިންގ ޔުނިޓް ފޯރުކޮށްދިނުމުގައިވެސް އެބަ މަގުފަހިވޭ. އަދި ވިލިމާލެއިންވެސް. އަދިހުޅުމާލޭގައިވެސް އިރާދަކުރެއްވިއްޔާ މި އަހަރު މަސައްކަތްތައް ފެށޭނެ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން