މިތިބީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް (އިބޫ) ނޫން ގޮތެއް ހޯދައިގެން ކަމަށާއި އެގޮތް ހޯދީމާ "ވަރަށް ރީތި ވެއްޖެ" ނޫން ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ދަ ޑިމޮކްރެޓްސްއަށް ނުސީދާކޮށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ޗެއަޕަރސާން ފައްޔާޒު އިސްމާޢިލް ވިދާޅުވީ ރާއްޖޭގައި މިހާރު އޮތީ ޣައިރުޤާނޫނީ އަނިޔާވެރި ސަރުކާރެއް ކަމަށެވެ. އެގޮތުން މިތިބީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް (އިބޫ) ނޫން ގޮތެއް ހޯދައިގެން ކަމަށާއި އެގޮތް ހޯދީމާ "ވަރަށް ރީތިވެއްޖެ ނޫން" ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ދަ ޑިމޮކްރެޓްސްއަށް ނުސީދާކޮށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެބޭފުޅުން ތިއްބެވީ މުޅި ގައުމު "މުޢިއްޒު" ކޮށްލައިގެން ކަމަށެވެ. ފައްޔާޒު ވަނީ އެކަކު އަނެކަކަށް އިނގިލި ދިއްނުކޮށް ޝޯޝަލް މީޑިޔާގައި ގިނަ ވާހަކަތަކެއް ނުދައްކައި ހެދުނު ގޯހަށް ތައުބާވުމަށް ގޮވާލައްވާފައެވެ.

"އިބޫ ނޫން ގޮތެއް ހޯދައިގެން އަޅުގަނޑުމެން މިތިބީ. އިބޫ ނޫންގޮތެއް ހޯދައިގެން ވަރަށް ރީތި ވެއްޖެނޫންތޯ ދެއްތޮ، އިބޫ ނޫން ގޮތެއް ހޯދަން ނިކުތް މީހުން މިތިބީ މުޅި ޤައުމު މުއިއްޒުކޮށްލަށްވައިގެން. މިއޮއް ފެށެނީ ބަރަކާތްތެރި ރަމަޟާން މަސް އެއީ ތައުބާގެ މައްސަރު، ތައުބާގެ ދޮރު ވަނީ ތަންމިނަށް ހުޅުވިފައި. އަޅުގަނޑު ހަމަ ދަންނަވާލަން ޝޯޝަލް މީޑިޔާގައި މާގިނަ ވާހަކަ ނުދައްކަވައި މިހެދުނު ގޯހަށް ތައުބާވެވަޑައިގަންނަވާށޭ، އަދިވެސް އެހެން މީހުންނާއި ދިމާލަށް އިނގިލި ދިއްނުކޮށް އަޅުގަނޑުމެން އޭރުވެސް ތިބި ސާބިތުކަމުގައި މިޤައުމުގެ ހައްގުގައި ކުރާ މަސައްކަތް މިއަދުވެސް މިކުރަނީ މިކަމަށް ހިޔަނި އަޅުއްވަން ވެގެން ތޯތޯ ނުކިޔާ ތައުބާވެ އަަަޅުގަނޑުމެންނާއެކު މިމަަސައްކަތުގައި ބައިވެރިވެ ދެއްވާށޭ،" ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އިހުތިޖާޖުކުރުމުގެ މަސައްކަތްތައް ކުރުންކަމަށެވެ. އޭނާ ވިދާޅުވީ މަކަރުވެރިކަމުގެ އެތައް އަމަލެއް ހިންގުމަށްފަހު ސަރުކާރުގެ ވިސްނުންހުރީ ހުދުމުހުތާރު އުސޫލުތަކުގެ މަތިން ކުރިއަށް އޮތްތާނގައި ރާއްޖޭގައި އިންތިހާބެއްވެސް ނުބޭއްވުމަށްކަމަށެވެ.

އެގޮތުން އިންތިހާބެއް ނުބޭއްވުމަށްޓަކައި 2013 ވަނަ އަހަރު ސުޕްރީމްކޯޓުން ގައިޑްލައިންތަކެއް ނެރެ އިންތިހާބު "އޮޅާލި" ކަމަށާއި މިއަދު ރައީސް ޑރ. މުއިއްޒުވެސް ހުންނެވީ އެ ދިމާއަށް ކަންކަން ގެންދިއުމުގެ ވިސްނުންފުޅުގައިކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ސައްހަ ވޯޓެއް ނަގައިފި ހާލަތެއްގައި ރައްޔިތުން މި ސަރުކާރަށް ވޯޓުނުދޭނެކަން ކަނޑައެޅިގެން އެނގޭކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެހެންކަމުން ދެން އޮތީ އިހުތިޖާޖުތަކެއް ކޮށްގެން މި ވެރިކަން ނިންމުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުންކަމަށެވެ. އެކަމުގައި އެންމެ ފަހުމީހާއާއި ޖެހޭއިރުވެސް އެމްޑީޕީގެ މެންބަރުން ތިބޭނެކަމުގެ ޔަގީންކަން ފައްޔާޒު ވަނީ ދެއްވާފައެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ އަކީ އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ތެރޭގައި އެޕާޓީން ނުކުތް ރައީސް ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ އިސް މެންބަރުން އުފެއްދި ޕާޓީއެކެވެ.

އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި، ކުރީގެ ޗެއާޕާސަން އަދި ފަހުން ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް، ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމްގެ އިތުރުން ޕާޓީގެ ޕޮލިސީ ކޮމިޓީގެ ކުރީގެ މުގައްރިރު އަދި އެސްޓީއޯގެ ކުރީގެ އެމްޑީ، ހުސައިން އަމްރު ހިމެނެއެވެ. އޭގެތެރެއިން ޝިފާޒް އާއި އަމްރާއި ހަސަން ލަތީފު މިހާރު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ، 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް އެ ޕާޓީގައި އެ މަނިކުފާނަށް ތާއިދުކުރާ ފެކްޝަނަކާއި ޞާލިޙަށް ތާއިދު ކުރާ ފެކްޝަނެއް އުފެދި ބައިބައިވި ފަހުންނެވެ. އެގޮތުން ރިޔާސީ ޕްރައިމަރީގައި އެ ދެ ބޭފުޅުން ވާދަކުރައްވައި ނަޝީދަށް ނާކާމިޔާބުވުމުން އެ މަނިކުފާނާއި އެ މަނިކުފާނަށް ތާއިދުކުރައްވާ މެންބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ތުހުމަތުތައް ވަނީ ކޮށްފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކޮށްގެން ދަ ޑިމޮކްރެޓްސްއަށް ލިބުނީ ހަތް ޕަސެންޓް ވޯޓެވެ. އަދި ދެވަނަ ބުރުގައި އެމްޑީޕީއަށް ތާއިދު ކުރަން އެ ޕާޓީން ވަނީ ދެކޮޅު ހަދާފައެވެ. ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ޑިމޮކްރެޓްސްގެ އެއްބާރުލުމާއެކު ކަމަށް އެޕާޓީގެ އިސްބޭފުޅުން ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން