ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން މި ހަފްތާގައި ފުވައްމުލަކުގައި ”ފްލައި ވިތު އަ ސްމައިލް“ ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

މި ކެމްޕޭނުގައި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، ކެރިއަރ ބިލްޑިންގ އަށް އަމާޒުކޮށްގެން އަދި ކުޑަކުދިންނަށް އުފާވެެރި މާހައުލެއް ތަޖުރިބާ ކުރުމަށް ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިޔައެވެ.

ފުވައްމުލަކު ކައުންސިލާ ގުޅިގެން ކުރިޔަށް ގެންދިޔަ މި ހަރަކާތުގެ ތެރެއިން މޯލްޑިވިއަންގެ ގްރީން ހޮރައިޒަންސް އިނިޝިއޭޓިވްގެ ދަށުން ބޭއްވި ފުރަތަމަ އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. މޯލްޑިވިއަން ޓީމާއެކު އާންމުން ގުޅިގެން ފުވައްމުލައް ފެހި ކުރުމަށް ގަސް އިންދުމުގެ ހަރަކާތެއް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.

ފަސް މިލިއަން ގަސް އިންދުމަށް ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންފައިވާއިރު ހުރިހާ އުމުރެއްގެ ދަރުމަވެރިން ވެސް މި ހަރަކާތުގައި ބައިވެރިވިއެވެ. މި ހަރަކާތުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ފެހި އަދި ދުޅަހެޔޮ ސިއްހަތެއް ލިބިގެންދާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.

ފެބްރުއަރީ 26 ވަނަ ދުވަހު ގްރޭޑް ދިހައެއްގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކެރިއަރ ގައިޑެންސް ސެޝަނެއްވެސް ވަނީ ބާއްވާފައެވެ. މި ސެޝަންގެ ތެރެއިން ދަރިވަރުންނަށް ކާމިޔާބު މުސްތަގުބަލެއް ބިނާކުރުމަށް ބޭނުންވާ ޢިލްމު ވަނީ ފޯރުކޮށްދީފައެވެ.

ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ‘މޯލްޑިވިއަން ހަވީރީ އުފާ’ ގެ ނަމުގައި އެ ރަށުގެ އެންމެ ހިތްގައިމު އެއްތަން ކަމަށްވާ, ތުނޑީގައި ހާއްސަ ހަރަކާތެއް ވަނީ ބާއްވާފައެވެ. މި ހަރަކާތުގައި ފުވައްމުލަކު ކައުންސިލާއި ފުވައްމުލަކު ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވެސް ބައިވެރިވެ ބޮޑު މާހެފުމެއްވެސް ވަނީ ބާއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން