ރަމަޟާން މަހު އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތަކަށް ގެންނަ ހެޔޮ ބަދަލު މުޅި ޙަޔާތުގައިވެސް ދަމަހައްޓާ ބަޔަކަށް ދިވެހިން ވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ހިޖުރީ ސަނަތުން 1446 ވަނަ އަހަރުގެ ރަމަޟާން މަހާ ބައްދަލުވުމުގެ އުފަލުގައި، ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި ޚިޠާބުގައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހި ރައްޔިތުންނަށް ހިޔާވަހިކަން ކަށަވަރުކޮށްދީ، ދިރިއުޅުމުގެ މުހުތާދުތައް ފުއްދައިދީ، އުފާފާގަތިކަން އިތުރު ކޮށްދިނުމަށް ސަރުކާރުން ފައްޓަވާފައިވާ އިޚްލާޞްތެރި މަސައްކަތް ދުވަހަކަށްވުރެ ދުވަހެއް ހަލުވި ކުރައްވާނޭކަމަށެވެ.

ރައީސްގެ ޚިތާބުގައި އަހަރަކު އެއްފަހަރު ބައްދަލުވާ ރަމަޟާން މަހު، އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތަކަށް އަންނަ ހެޔޮ ބަދަލު މުޅި ޙަޔާތުގައިވެސް ދެމެހެއްޓުމަށް ޢަޒުމު ކަނޑައަޅައި، ދިވެހި ކޮންމެ ކުޑަ ކުއްޖަކާއި ޒުވާނަކަށް ރީތި ނަމޫނާ ދައްކައި، ހަރުދަނާ ސިފަތައް އުނގަންނައިދޭ މަހެއްކަމުގައި މި މަސް ހެދުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ އަމިއްލަ ނަފުސަށް ގެއްލުންހުރި، ނުކިއްސަރު އާދަތަކާ ދުރުހެލިވުމުގެ ފުރަތަމަ ފިޔަވަޅު މި މަހު އެޅުމަށް ބާރުއަޅުއްވައި، ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުރުހެލިވެ، ޚުލްޤު ހެޔޮ އިންސާނެއްގެ ގޮތުގައި ކާމިޔާބު ޙަޔާތެއް އުޅުމުގެ ޢަޒުމު ކަނޑައެޅުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

ކީރިތި ޤުރުއާން އެ މަހެއްގައި ބާވައިލެއްވި، އަދި ލައިލަތުލްޤަދްރީގެ މަތިވެރި ދަރުމަ އެމަހެއްގައި ހިމެނިފައިވާ ރަމަޟާން މަހަކީ ނިޢުމަތާއި ރަޙްމަތުން ފުރިގެންވާ މޫސުމެއްކަން ހަނދުމަފުޅުކޮށް އަރުވަމުން ރައީސް ވަނީ، ރަމަޟާންމަހު ހިފާ ރޯދަ އާއި، އަޅުކަމަށް ދޭ ސަމާލުކަމާއި، އަނެކުންނަށް ދޭ މަދަދާއި ކެތްތެރިކަމާއި އިޙްސާންތެރިކަމުގައި ދެމިތިބުމަކީ ޖިސްމަށާއި ރޫޙަށް ލިބިދޭ އަގުހުރި ތަރުބިއްޔަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ދިވެހީންގެ ސިލްމާ ސަލާމަތާ ކާމިޔާބު ގުޅިފައިވަނީ މާތްވެގެންވާ އިސްލާމް ދީނާކަން، މި ފަދަ ކޮންމެ ރޯދަ މަހެއްގައިވެސް އަޅުގަނޑުމެން ޔަގީން ކުރަންވާނޭކަމަށެވެ. އަދި މާތް ﷲ ދިވެހީންނަށް ދެއްވާފައިވާ ނިޢުމަތްތަކާއި، އަމާންކަމާއި، ރަޙްމަތުގެ ބޮޑުކަމާއި، ގަދަކީރިތިވަންތަ ﷲގެ އޯގާވަންތަކަން ހަނދުމަކޮށް ޝުކުރު ކުރާ ޙާލު، މުޅި އިސްލާމީ އުންމަތާއި، ޚާއްޞަކޮށް ނުތަނަވަސްކަމާއި ދަތި ޙާލުގައި ތިބި ކޮންމެ މުސްލިމެއްގެ މައްޗަށް ހެޔޮ ދުޢާކޮށްދީ ހެޔޮ ފޯރުވައިދޭން އެމަނިކުފާނުގެ ޚިޠާބުގައި އިރުޝާދުދެއްވާފައިވެއެވެ.

އެގޮތުން، ފަލަޞްޠީނުގެ އަހުލުވެރީންނާއި، ހަނގުރާމައާއި އަނިޔާވެރިކަމާއި ހައިހޫނުކަން ބަރުދާސްކުރަމުންދާ މިނޫންވެސް މުސްލިމު މުޖްތަމަޢުތަކާއި ޢާއިލާތަކަށް ކުޅަދާނަވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދޭން ވާނޭކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން