ރާއްޖޭގެ އަމިއްލަ ފަރާތަކުން ހިންގާ ޕްރީ ސުކޫލެއް ކަމަށްވާ، ޝައިނެލާނާސް ޕްރީސްކޫލުގެ ގިނަ އަދަދެއްގެ ޓީޗަރުން ވަޒީފާ އިން ވަކިކޮށްފިއެވެ.

ޝައިނެލާނާސް ޕްރީސްކޫލަކީ 2 އަހަރާއި 6 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ތަޢުލީމު ފޯރުކޮށްދޭ އަމިއްލަ ސްކޫލެކެވެ. އެސުކޫލްގެ ކެމްޕަހެއް މާލެ އާއި ހުޅުމާލޭގައި ވެސް ހުރެއެވެ. "ރަސްއޮންލައިން" އަށް މައުލޫމާތު ލިބިފައިވާގޮތުގައި ރޯދަމަހާއި ދިމާކޮށް ކުއްލިގޮތަކަށް ޝައިނެލާނާސް ޕްރީސްކޫލުގެ ޓީޗަރުންތަކެއް ވަޒީފާއިން ވަކިކުރިކަން އަންގާފައިވަނީ އިއްޔެ އާއި މިއަދު އެވެ. އެގޮތުން ގާތްގަނޑަކަށް ޕްރީސުކޫލްގެ 10 ވަރަކަށް ޓީޗަރުން ވަޒީފާ އިން ވަކިކުރިކަން މިހާރު ވަނީ އަންގާފައެެވެ.

ވަޒީފާ އިން ވަކިކުރިކަން އަންގައި ޓީޗަރުންނަށް ފޮނުވި މެސެޖްގައި ބުނެފައިވަނީ ޕްރީ ސުކޫލްގެ ޓީޗަރުން ވަޒީފާއިން ވަކިކުރީ އެސުކޫލަށް ވައްދާ ކުދިންގެ އަދަދު މަދުވެ ގެއްލުންވަމުންދާތީ ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ދާދިފަހުން ޝައިނެލާނާސް ޕްރީސްކޫލަށް ވައްދާ ދަރިވަރުންގެ ފީ ވެސް ވަނީ ބޮޑުކޮށްފައެވެ.

ރޯދަމަސް ކުރިމަތީގައި އޮއްވައި ކުއްލިގޮތަކަށް ޝައިނެލާނާސް ޕްރީސްކޫލުގެ ގިނަ އަދަދެއްގެ ޓީޗަރުން ވަޒީފާ އިން ވަކިކުރުމުން ބައެއް ޓީޗަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ރޯދަ އިނާޔަތް ވެސް ނުދީ ވަޒީފާ އިން ވަކިކުރުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް އެ ޓީޗަރުން ދެެކެއެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ ނަންބަރުގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް، ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭން ޖެހެއެވެ.

ރޯދަ މަސް ފެށުމުގެ ކުރިން މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން ލޭބާ ރިލޭޝަންސް އޮތޯރިޓީން މީގެ ކުރިން ވަނީ އަންގާފައެވެ.

ޝައިނެލާނާސް ޕްރީސްކޫލުން ބޭބީ ނާސާރީ، އާއި ނާސަރީ އަދި ޖޭ.ކޭ.ޖީ އަދި އެސް.ކޭ.ޖީ އަށް ކިޔަވައި ދެއެެވެ.

ޝައިނެލާނާސް ޕްރީ ސުކޫލްގެ ޓީޗަރުންތަކެއް ވަޒީފާ އިން ވަކިކުރުމާއި ގުޅޭގޮތުން އެ ސުކޫލްގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން