މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާއިރު، އިއްޔެއިން ފެށިގެން މިހާތަނަށް މާލެއިން 16،911 ޓަނުގެ ފެން ހިންދާފައިވާ ކަމަށް ރާއްޖޭގެ ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ އިއްޔެ ހަވީރުން ފެށިގެން ރޭ ފަތިސް ވަންދެން ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް އެ އިދާރާއިން ކޮށްފައިވާ ކަމަށެވެ.



މިއަދު އެމްއެންޑީއެފުން ބުނީ މާލޭ ސިޓީގެ ފެންބޮޑުވެފައިވާ ސަރަހައްދުތައް އާންމު ހާލަތަށް ގެނެވިފައިވާތީ ފެން ހިންދުމުގެ މަސައްކަތް ވަގުތީ ގޮތުން މިހާރު މެދުކަނޑާލާފައިވާ ކަމަށެވެ.



ވިއްސާރައިގައި މާލޭގައި ފެން ބޮޑުވުމުން އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި މާލޭގެ 131 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 976 ވެލި ބަސްތާ ވަނީ ޖަހައިދީފަ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވެފައިވާ ބައެއް ރަށްރަށުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން މިހާރުވެސް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.



ސިފައިން ބުނީ ކ.ހުރާ، ކ.ގުރައިދޫ، ކ.ހިންމަފުށި، ކ.ތުލުސްދޫ ކ.މާފުށި، އދ.މާމިގިލީގައި ފެން ހިންދުމުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު