މިއަދު ހެނދުނު މަހިބަދޫ އާއި ދިގުރަށާ ދެމެދު "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ އަޑިއަށްދިއުމާ ގުޅިގެން މީހުން ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ތައުރީފު ކުރައްވައިފިއެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު 07:57 ހާއިރު ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗް "ހުވަން" އަޑިއަށް ދިޔަކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އެ ދޯނީގައި 45 ފަސިންޖަރުންނާއި ތިން ފަޅުވެރިން ތިބި ކަމަށާއިއޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނޭކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، ފުލުހުންގެ އިމަޖެންސީ ރެސްޕޮންސް ޓީމްތައް ވަގުތުން ފޮނުވައި، ދޯނީގައި ތިބި އެންމެން ރައްކާތެރިކަމާ އެކު ސަލާމަތްކުރެވޭނެ އިންތިޒާމު ހަމަޖެއްސި ކަމަށެވެ. ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން ދިގުރަށަށް ގެންގޮސްފައިވާއިރު، އެ މީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަންގައި ކަނޑުވި މީހުން ސަލާމަތްކުރުމަށް ހަރަކާތްތެރި ފުލުހުންނަށް ސީޕީވަނީ ގުޅުއްވައިގެން ޝުކުރު އަދާކުރައްވައިފައެވެ.

ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވަނީ ޑެޕިއުޓީ ކޮމިޝަނަރު، އިސްމާއީލް ނަވީނާއި ފަރުހާދު ފިކުރީ ވެސް މި ފޯނު ކޯލުގައި ބައިވެރިވެ، އޮފިސަރުންގެ އަވަސް އަދި ހަރުދަނާ މަސައްކަތްތަކަށް ތައުރީފު ކުރެއްވި ކަމަށެވެ. ޚާއްސަކޮށް ސީޕީވަނީ ރަމަޟާން މަހުގެ ދުވަހެއްގެ ހެނދުނުގެ ވަގުތުގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ދެއްކި ނަމޫނާއަށް ޝުކުރު އަދާކުރައްވައި، އެ މަސައްކަތާމެދު ފަޚުރުވެރިވާކަމަށް ވިދާޅުވެފައެވެ. އަދި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވައި، ސަލާމަތްކުރުމުގެ މަސައްކަތް ވިލަރެސްކުރުމުގައި ކޮށްފައިވާ މަސައްކަތް ވެސް ސީޕީ ފާހަގަ ކުރެއްވި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަންގައި އާންމު ރައްޔިތުންގެ ދައުރު ފާހަގަކުރައްވައި، މީހުން ދިގުރަށަށް އަނބުރާ ގެންދިއުމުގައި އެހީތެރިވި ލޯންޗެއްގެ މަސައްކަތް ފާހަގަކުރައްވައި ރީޖަން ކޮމާންޑަރު ވަނީ އެ މީހުންނަށް ޝުކުރު އަދާކުރައްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން